މާލޭގައި ފުރަބަންދެއް ނޫން ބަންދެއް އިހަކަށް ދުވަހު ނިންމާލައިފިއެވެ. ހަވީރު 4 އިން ފަތިހު 4 އަށް އޮތް ކާފިޔު ކުރުވެ، ރޭގަނޑު 8 އިން ފަތިހު 4 އަށް ވެއްޖެއެވެ. މިސްކިތްތަކުގައި ޖަމާއަތް ހުއްދަވެ، މީޓަރު ފާހުގެ ބޭނުން ކެނޑިއްޖެއެވެ. ސައިހޮޓާތަކާއި ރެސްޓޯރެންޓުތައް ހުޅުވައި، ތޮއްޖެހިއްޖެއެވެ. މިހުރިހާ މޮޅެއް މި ލިބުނީ ވިޔަފާރިވެރިންގެ މުޒާހަރާޔަކުންނެއް ނޫނެވެ. ބުނާ ހިތްވަނީ މި ކަންތައްތައް މި ވީ މާލޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު 30 އިން ދަށަށް ދިޔައިމައޭއެވެ.

ދެން މި ލިބުނީ ކޮވިޑު ރާއްޖެޔަށް ނާންނަ ދުވަސްވަރުވެސް ނުލިބި އޮތް މިނިވަންކަމެކެވެ، 24 ގަޑިއިރުގެ ޑެލިވަރީ ހުއްދަ ލިބުނީއެވެ! ފިހާރަތަކަށާއި ކެފޭ ރެސްޓޯރެންޓު ތަކަށެވެ! ދޮންމަނިކު ހައިރާންވީމެވެ. އެއީ ކީއްވެހެވެ؟ ފިހާރަތަކާއި، ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނަކީ މުވައްޒަފުން ތިބޭނޭ ތަންތަނެވެ. ބާޒާރުކުރާ މީހުންނާއި، ސޭޓުންނާއި، ކައްކާއިންނާއި، ޑެލިވަރީޔަށް ތަކެތި ބަންދުކޮށް، އެ ހިފައިގެން ދުއްވާނޭ މީހުންނެވެ. މިހުރިހާ އެންމެން އެތަންތަނުން ގޭގޭ ދޮށަށް އައިސް ގޮސް ހަދަން މަގުމައްޗަށް ނިކުމެ އުޅޭ އިރު ކާފިޔު އަކާ އެކަމަކާ ނުބެހެވޭނެތާއެވެ!

ދެން އޮތީ 24 ގަޑިއިރުގެ ޑެލިވަރީގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކެވެ. އެ ފަދަ ގިނަ މީހުން މެންދަމުން އަލިވެ ދޭއް ތިނެއް ޖަހަންދެން ނުނިދައި ތިބޭނީ ގޭތެރޭގައި ފޮތް ކިޔާކަށް ނޫންކަން ޔަގީނެވެ. ގޭގެޔަށް އެއްވެ ތާސް ގަނޑެއް ޖަހައިލައި، ޑާޓު ކުޅެލައި ހަދަން އުޅޭ ބަޔަކުވެސް އުޅޭނެއެވެ. އެ މީސްމީހުން އެއްވާ ތަންތަނަށް އައިސް ގޮސް ވާ އިރު، ކާފިޔު ވާނީ ހައްތާ ދައްޗެވެ. މާލޭ މަގުމަތީގައި މާސްކު ނާޅާ އުޅުމަކީ މަނާ ކަމެކެވެ. އެކަން ތަންފީޒު ކުރުވޭހެވެ؟ ދެން މިހާރު 24 ގަޑިއިރުގެ ޑެލިވަރީ އައިމާ، ކާފިޔު ތަންފީޒުކުރުން ވާނީ ހައްތަހާ ދަތި ނޫންހެވެ؟

މަޒާޑާ ކެފޭ

ހިތަށް ވަންނަނީ ކުޑަކުޑަ ބިރުވެރިކަމެކެވެ. ދެން ނަގާނީ ކިހާވަރެއްގެ ބޮޑު ރާޅެއް ބާވައެވެ؟ އަދަދުތައް ކިހާ ހިސާބަކަށް އަރާނެ ބާވައެވެ؟ ފަރުދީ ޒިންމާޔަށް ފަރުވާ ބަހައްޓައިގެން އުޅޭ މީހުން މިތާނގައި ގިނައެވެ. އެކަމަކު ހަމަ މިތާނގައި ފަރުދީ ޒިންމާގެ ހަމަޔަށް ކަމޭ ނުހިތާ މީހުންގެ އަދަދުވެސް މަދު ނުވަންޏާ، ރާޅު އެރުން ގާތެވެ. އެކަމަކު ދޮންމަނިކުގެ ހިތަށް ވެރިވަނީ މުޅިން އެ ބިރެއް އެޔަށްވުރެ މާބޮޑު ބިރެކެވެ!

ގާނޫނީ ދާއިރާގައި ”ލީގަލް ޕްރިސީޑެންޓް“ ކިޔާ އެއްޗެއް އޮވެއެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަ ވެ، ހަމަހަމަ ކޮށްދޭންވެސް ޖެހެއެވެ. މި ގަންނަ ބިރުގެ ފެށުން އޮތީ އެ ކަމާ މެދު ވިސްނީމައެވެ. ކެއިން ބުއިމުގެ ހިދުމަތް ދޭ މީހުން ކުރި މުޒާހަރާޔާ 24 ގަޑި އިރުގެ ހުއްދަ ދިނުމާއެވެ. ދެކަމުގައި ރަސްމީ ގުޅުމެއް ނެތަސް، މީހުން އެ ދެ ކަންތައް ގުޅުވާނެއެވެ. އަދި އެކަން ”ލީގަލް ޕްރިސީޑެންޓް“ އަކަށް ނަގައިގެން އެހެން ބަޔަކު ކަމަކަށް އެދި ފިއްތަން ފަށާނެއެވެ.

އެ ކަން ކުރާނީ އިމާރާތްކުރާ މީހުންނެވެ. ބައު ބިލްޑިންގުތައް ތަޅައި، ބޮޑެތި ބިލްޑިންގުތައް ހަދައިދޭ މީހުންނެވެ. ސިނާއަތަކީ މިހާރުވެސް އޭގެ ތެރެއިން ފާޑުފާޑުގެ އަޑު އިވިފައި އޮތް ސިނާއަތެކެވެ. ބޮޑެތި އިމާރާތް ކުރާއިރު ހަރަދު ކުޑަ ކުރަން ސޭފްޓީ ނުޖަހާ އުޅެން ހަދައިގެން މަސައްކަތު މީހުން ވެއްޓި، މަރުވެ، ނުވަތަ ހާނީއްކަ ވީ އަޑެވެ. މަގު ހިނގާ މީހާގެ ބޮލަށް ސިމެންތި ކޮތަޅު ވެއްޓުނު ވާހަކައެވެ. ފަގީރު މީހާގެ ފުރާޅު ފޫދުއްވައިލައިފައި ދަގަނޑު ހޮޅި އައި ވާހަކައެވެ. މިއީ އެންމެން ދަންނަ ކަންކަމެވެ.

ކޮންސްޓްރަކްޝަން ސައިޓެއްގަ މީހުން ހަރަކާތްތެރިވަނީ

ދޮންމަނިކު މިބުނާ ”ލީގަލް ޕްރިސީޑެންޓް“ ކަހަލަ އުކުޅުތައް ބޭނުން ކޮށްގެން ކޮންސްޓަކްޝަން ގައި އުޅޭ ފަރާތްތަކަށް 24 ގަޑިއިރުގެ ހުއްދަ ދީފިއްޔާ، އެ ޖެހުނީ ކަންތަކާއެވެ! ތޮއްޖެހިފައިވާ މާލޭގައި ފަގީރު މީހާ އޭނާގެ ގެގަނޑުގައި ދެން ނިދާން އޮންނާނެ ކަމެއް ނެތެވެ. 24 ގަޑި އިރު ތަޅާ އަޑުފައްގަނޑު އިވޭނެއެވެ. ގުންގުރޭޓު ޝީޓު އަޅާނެއެވެ. ސިމެންތި ކޮތަޅާއި ދަގަނޑު ހޮޅި ވެއްޓޭނެއެވެ. ގަވައިދާ ހިލާފަށް ކުރާ މަސައްކަތުގެ ސަބަބުން ފަގީރު އަވަށްޓެރިންނަށް ވާ ތުރާލުން އެ ފަކީރުން ސަލާމަތް ކޮށްދޭނޭ ބަޔަކު ނުތިބޭނެއެވެ.

އިމާރާތް ތަޅައި، ބިލްޑިންގު އިމާރާތް ކުރާ މީހުންނަށް 24 ގަޑިއިރުގެ ހުއްދަ ދީފިއްޔާ ފަގީރުންނަށް ޖެހޭނީ ރޭގަނޑުގެ ނިދިކޮޅު ހަރާންކުރާށެވެ. އިވޭ އަޑުފަށްގަނޑަށް ކެތް ނުވެ، ބޮލުގައި ރިހެން ފެށީމައި، ބޭރަށް ނިކުންނާށެވެ. ނުރަސްމީކޮށް ހުޅުވާފައި ހުންނަ ކެފޭއަކަށް ދާށެވެ. ނުވަތަ ކޮންމެވެސް ތޮށިގަނޑެއްގެ މަތީގައި 24 ގަޑިއިރުގެ ޑެލިވަރީ ކޮފީއާއި ސިނގިރޭޓު ބޯން ނުނިދައި އިންނާށެވެ. އަނެއްދުވަހު ތާއްޔާ ޖެހެމުން ވަޒީފާޔަށް ގޮސް، ބޮހުންގެ ނުރުހުން ލިބިގަންނާށެވެ.

ދޮންމަނިކުގެ އާދޭހެއް އެބައޮތެވެ! ކަންކަމަށް ހުއްދަ ދެއްވަން ތިއްބަވާ ބޭފުޅުން 24 ގަޑިއިރުގެ ޑެލިވަރީ ހުއްދަ ދެއްވައިފީމުއެވެ. އެކަމަކު އިމާރާތްކުރާ މީހުން ތަޅައި، ބިނާ ކުުރަން 24 ގަޑިއިރުގެ ހުއްދަ ނުދެއްވައްޗެއެވެ. ހެޔޮ ނުވާނެއެވެ! އަޅުގަނޑުމެން ފަގީރުން މިހާރުވެސް މިތިބީ ވަރަށް ދެރަޔާއި ބިރުވެރި ކަމުގެ ތެރޭގައެވެ. ރާއްޖޭގައި އެގޮތް މިގޮތަށް، އަވަށްޓެރިޔާގެ ހައްގުތަކަށް ނުބަލައި މިކުރާ، އިމާރާތް ތަޅައި، އެޔަށްވުރެ މޮޅު އިމާރާތް ބިނާކުރުމުގެ މަސައްްކަތް ކުރާ މީހުންނަށް 24 ގަޑިއިރުގެ ހުއްދަ ނުދެއްވައްޗެވެ!