ފުވައްމުލަކު ސިޓީގައި ކޮވިޑަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއާ މެޝިނެއް ބެހެއްޓުމުގެ މަސައްކަތަށް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އަދި އެކަން ކުރާ ޓެކްނީޝަނުން އަންނަ ހަފްތާގައި އެސިޓީއަށް ދިއުމަށް ހަމަޖެހިފައި ވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު އެކަން ހާމަ ކުރެއްވީ މިއަދު ފުވައްމުލައް ސިޓީގެ މެންބަރުންނާއެކު ބޭއްވެވި ވާޗުއަލް ބައްދަލުވުމުގައެވެ. ރައީސް އިތުރަށް ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގައި ފުވައްމުލަކުގައި ބަހައްޓާ ޕީސީއާރު މެޝިންވެސް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބެހެއްޓޭނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއީލް ރަފީގް ވަނީ ފުވައްމުލައް ސިޓީގައި ކުރިޔަށްދާ މަޝްރޫއުތަކާއި ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމާ ބެހޭގޮތުން ރައީސާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މިހާރު ފުވައްމުލަކުގައި ސަރުކާރުން ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫއުގެ ތެރެއަށް ސްޓޯމްވޯޓާ ޑްރެއިނޭޖް ސިސްޓަމެއް އަދި ފަޔާ ހައިޑްރަންޓް ހިމެނުމަކީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.
ސިއްހީ ދާއިރާގެ ތަރައްގީއަށް ފުވައްމުލަކުގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ 30 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ ތަފްސީލުތައް އޮޅުންފިލުއްވާ ރައީސް ވިދާޅުވީ ހޮސްޕިޓަލް ތަރައްގީވެގެން އަންނައިރު ފުވައްމުލަކަށް މިހާރު ބޭނުން ޖެހިފައިވާ ޑައިގްނޯސްޓިކް ހިދުމަތްތައް މި ހޮސްޕިޓަލުގައި ގާއިމު ކުރެވިގެންދާނެ ކަމަށެވެ.
ހަދަން ފަށާފައިވާ ގެތަކާއި މަރާމާތަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން މިހާރު އިއުލާނު ކޮށްފައިވާ ގެދޮރުވެރިޔާ ލޯނުގެ ދަށުން ގިނަގުނަ ފަސޭހަތަކެއް ލިބިގެން ގޮސްފައި ވާކަން ކައުންސިލުން ފާހަގަކުރިއެވެ.