ރާއްޖޭގައި 12 އަހަރުން މަތީގެ އުމުރު ފުރާގެ ކުޑަ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

އިއްޔެ ރާއްޖޭގައި 12 އަހަރުން މަތީ އުމުރު ފުރާގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ޖަހަން ހުއްދަ ދީފައި ވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ޖެހުމަށް ވަނީ ހުއްދަ ދީފައެވެ.

ނަމަވެސް ރާއްޖޭގައި ފައިޒާ ވެކްސިން ހުރީ ވަރަށް މަދުން ކަމަށް ވެފައި އަދި ފައިޒާ ވެކްސިންގެ އިތުރު ޝިޕްމަންޓެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައި ނުވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތި ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ.

12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހޭ ގޮތަށް ނިންމި އިރު، މީގެ ކުރިން ވަނީ އުމުރުން 17 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހާފައެވެ. މީގެ އިތުރުން އެ ވެކްސިން ދެމުން އަންނަނީ މާބަނޑު މީހުންނަށާއި، ހާއްސަ ހާލަތުގައިވާ ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށެވެ. މި ވެކްސިންއަކީ ވަކި ފިނިހޫނު މިނެއްގައި ބަހައްޓަން ޖެހޭ ވެކްސިނެއް ކަމުން ފައިޒާ ވެކްސިން ހަމައެކަނި ޖަހައިދެމުން އަންނަނީ މާޅެ ސަރަހައްދުންނެވެ.

ރާއްޖެއަށް ފައިޒާ ވެކްސިން ހަދީޔާ ކޮށްފައިވަނީ ކޮވެކްސް ފެސިލިޓީންނެވެ. އެއީ 5840 ވެކްސިން އެވެ. އެއަށްފަހު އެ ވެކްސިންގެ އިތުރު ޝިޕްމަންޓެއް އަދި ނުލިބެއެވެ.