ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލަކީ ރާއްޖެ ސެކިއުލާ ގައުމަކަށް ހަދަން ކުރާ މަސައްކަތުގެ ފެށުން ކަމަށް ރައްޔިތުންްގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގައި ހިނގާދިޔަ ހުރިހާ މަރުތައް އެއީ ވަކި ބަޔަކު ކުރި ކަމެއް ކަމަށް ބުނުމަކީ ހަގީގަތް އޮޅުވާލުން ކަމަށެވެ. އަދި ދީނީ ހައްދުފަހަނަ އެޅުމުން ހުއްޓުވުމުގައި ނަމުގައި ކުރަމުންދާ ކަންކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. ސަލީމް ވިދާޅުވީ މަޖިލީހުގައި އޮތް ބިލް މިހާރުން މިހާރަށް ބޭރުކޮށްލަން ޖެހޭ ކަމަށެވެ.
ސަލީމް ވިދާޅުވީ ރާއްޖެ ހަލާކުގެތެރެއަށް ދިޔައީ ޑިމޮކްރަސީގެ ނަމުގައި ގެނައި ނިޒާމުން ކަަމަށާ އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތް ކަމަށެވެ. އެކަން ފޮރުވަން ދީނީ ހަރުކަށި މީހުންގެ ވާހަކަ ދައްކައިގެން ގައުމުގެ ކަންކަން ހަމަމަގަށް ނޭޅުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ވަނީ ނިންމާފައެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.
އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެބިލަށް އިސްލާމިކް މިނިސްޓްރީން ވަނީ 3 އިސްލާހެއް ހުށަހަޅާފައެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުން ލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާ، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާ ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާ، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެއެވެ.