ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނާއި ގަވާއިދު ނެތިގެން ނޫން ކަމަށާއި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިހެން ބުނެފައި ވަނީ ނަފްރަތުގެ ބިލާ ގުޅޭ ގޮތުން ގައުމުގައި ހަމަނުޖެހުމާއި މުޖުތަމައުގައި މަފްރަތު އުފެދުމުން ދިއުމާ ގުޅިގެންނެވެ. އެ ކޯލިޝަނުން ބުނީ، ދިވެހިރާއްޖެއަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި ދިވެހިންގެ އެންމެ މަތިވެރި ރައުސުލްމާލަކީ މާތްވެގެންވާ އިސްލާމް ދީނާއި ޒަމާނުއް ސުރެ ދިވެހިންގެ މެދުގައި އޮތް އިސްލާމީ ވަހްދަތާއި އިސްލާމީ ރިވެތި ސިފަތައް ކަމަށެވެ. އެހެންކަމުން ގާނޫނަށް އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ކުށް ކަނޑައަޅާ ބިލަކީ ދިވެހިރާއްޖޭގެ މި އިސްލާމީ މުޖްތަމައާ އެންމެ އެކަށޭނަ ބިލެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
ސަރުލާރުގެ ފަރާތުން މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގެ ސަބަބުން މުޖްތަމައު ތެރޭގައި އިތުރަށް ބައިބައިވެ، ރައްޔިތުންގެ މެދުގައި އިތުރަށް ނަފްރަތު އުފެދި، ގައުމު އިތުރަށް ފަސާދަވުމުގެ ފުރުސަތު އިތުރުވަމުންދާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. އަދި އެ ބިލުގެ ސަބަބުން އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ނިކަމެތި ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށާއި އެއް އުއްމަތެއްގެ ގޮތުގައި މިއޮތް ދިވެހި ގައުމުގެ ހަމަޖެހުން ނެތިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އެގޮތުން އެ ކޯލިޝަނުން ވަކާލާތު ކުރާނީ ދިވެހިންގެ ގައުމިއްޔަތާއި ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި ކަމަށް ބުނެއެވެ. އަދި އަބަދުވެސް މަސައްކަތް ކުރާނީ ދިވެހިން އުއްމީދު ކުރާ ފަދަ ފާގަތި މުސްތަގްބަލެއް ހޯދައި ދިނުމަށް ކަމަށް ވެސް އެ ކޯލީޝަނުން ބުނެއެވެ. ދިވެހިން ދެކެން ބޭނުންވާ އުފާވެރި މާދަމާއަށް ވާސިލްކޮށް ދިނުމުގެ އަމާޒުގައި ދިވެހި ގައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން އިސްކުރުމަށް އެ ކޯލިޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ބުނެއެވެ.
ހިސާން ހުށަހެޅުއްވި ބިލަށް އެތައް ބައެއްގެ ފާޑުކިއޔުން އަމާޒުވެގެން ގޮސްފައި ވާއިރު އެ ބިލަށް އިސްލާމިކް މިނިސްޓްރީން ވަނީ 3 އިސްލާހެއް ހުށަހަޅާފައެވެ. އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުން ލިބުމަށް މަގުފަހިވާ ފަދަ ކުށްތައް މަނާ ކުރުމަށާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަން ކަމަށް ގޮވާލުމާ ނުބައި ކަންކަން ނަހީ ކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅިދާ ފަދަ މާއްދާތައް އިސްލާހު ކުރުމުގެ އިތުރުން އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމެވެ.
ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ކޮމިތީން ދިރާސާ ކުރުމަށް ފަހު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ބިލު ވަނީއިތުރަށް ދިރާސާ ކުރުމަށް އަނބުރާ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައެވެ.