ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމާޒުކޮށް މިދިޔަ މޭއި މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ސެކިއުރިޓީ ބްރީޗްވިގޮތުގެ ހޯދުމަށް މަޖިލީހުގެ 241 ކޮމިޓީން ހިންގި އިންކުއަރީގެ ރިޕޯޓްގައި އެމަނިކުފާނުގެ ސެކިއުރިޓީ 24 ގަޑި އިރު ހަތިޔާރާއެކު ތިބެން ލަފާ ދީފިއެވެ.

241 ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި އެ ރިޕޯޓް ފާސްކުރީ އެ ކޮމިޓީގައި ބައިވެރިވި 13 މެންބަރުންގެ އިއްތިފާގުންނެވެ. އެ ރިޕޯޓް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ.

އެ ކޮމިޓީން އެކުލަވާލާފައިވަނީ މުހިންމު 45 ހުށަހެޅުމަކާއި އެކު 236 ސަފްހާގެ ރިޕޯޓެކެވެ. އޭގެ ތެރެއިން އިންޓެލިޖެންސް އާއި ކައުންޓާ ޓެރަރިޒަމަށް 35 ހުށަހަޅާފައިވާއިރު ނަޝީދުގެ ސެކިއުރިޓީ އާ ގުޅޭ 10 ކަމެއް ވަނީ ހުށަހަޅާފައެވެ.

ފާހަގަކޮށްލެވޭ ބައެއް ހުށަހެޅުންތައް:

  • ނަޝީދަށް ހަތިޔާރާ އެކު 24 ގަޑި އިރު ފޯރިމެރުން.
  • ނަޝީދުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި، އެކަމަށް މީހުން ތައްޔާރުކުރުން.
  • ނަޝީދުގެ ގެކޮޅުގެ ސީސީޓީވީ ބޭނުންކޮށްގެން މޮނިޓާ ކުރުން.
  • އިހުމާލުވީ އަދި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅު އެޅުން.
  • ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުން.
  • އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓަން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމްކުރާ އޮނިގަނޑު ގާއިމްކުރުން.
  • ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އިންޓެލިޖެންސް މައުލޫމާތު ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހިއްސާކުރާނެ ނިޒާމެއް ވީ އެންމެ އަވަހަކަށްް އެކުލަވައިލުން.
  • ޓެރިރަޒަމް ހުއްޓުވަން މަސައްކަތްކުރާ އިދާރާތަކުގެ މެދުގައިވާ ފުށުއެރުންތައް ނައްތާލުމަށްޓަކައި އިދާރާތަކުގެ ދައުރު ސާފުކޮށް ބަޔާންކުރުން.
  • އިންޓެލިޖެންސާ ބެހޭ ހާއްސަ ގާނޫނެއް ހެދުން.
  • އިދާރާތަކުން ނެރޭ ނަތީޖާއަށް ބަލައި ކައުންޓަ ޓެރަރިޒަމްގެ ބަޖެޓް ކަނޑައެޅުން.
  • ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށް މުޅި ސަރުކާރާއި މުޖުތަމައު ޝާމިލްވާ "ހޯލް ގަވަމެންޓް، ހޯލް ސޮސައިޓީ އެޕްރޮޗް" ތަންފީޒުކުރުން އަވަސްކުރުން.

އެ ރިޕޯޓްގައި ހުރި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް މަޖިލީހުގެ ވެބްސައިޓްގައި ރިޕޯޓް އާންމު ކުރާއިރު ހުންނާނީ އުނިކޮށްފައިއެވެ. އެ ބައިތަކުގެ ތެރޭގައި އިންޓެލިޖެންސް ނިޒާމުގައިވާ ސިއްރުތަކާއި ސަލާމަތީ އަދި ސެކުރިޓީގެ ސިއްރުތައް ހިމެނެއެވެ.

241 ކޮމިޓީއަށް އެމްއެންޑީއެފްގެ 32 އޮފިސަރަކާއި ފުލުހުންގެ ތެރެއިން 5 ބޭފުޅަކާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް ވަނީ ސުވާލުކުރައްވާފައެވެ. އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދާ، މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ސަމީރުގެ އިތުރުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްއެމްއޭގެ ގަވަރުނަރާއި އެތަނުގެ އިތުރު ދެ ބޭފުޅަކުވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ވަނީ ކޮށްފައެވެ. ހަމައެހެންމެ ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމާ ވެސް ވަނީ ސުވާލުކޮށްފައެވެ.