އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ވިޔަފާރި ހަބުގެ ގޮތުގައި ސިފަކުރަމުން އަންނަ ދުބާއީގެ އެންމެ ބޮޑެތި ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ޖަބަލް އަލީ ޕޯޓްގައި އޮތް މުދާ އުފުލާ ބޯޓެއްގައި ބާރުގަދަ ގޮވުމެއް ގޮވާ، އެ ބޯޓުގައި އަލިފާން ރޯވެއްޖެއެވެ.

އަރަބި ޕެނިންސިއުލާގެ އިރުން އޮންނަ ޖަބަލް އަލީ ޕޯޓަކީ، މެދުއިރުމަތީގެ ކަނޑު ދަތުރު ފަތުރަށް އިންތިހާއަށް މުހިންމު ބަނދަރެކެވެ.

ދުބާއީ ސަރުކާރުން މިއަދު ހެނދުނު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވާ ކަމަށެވެ.

ޔޫއޭއީގެ ޖަބަލް އަލީ ޕޯޓްގައި އޮތް ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާ / ފޮޓޯ: ސްޓަފްސް

ޕޯޓް އޮފިޝަލުން ވަނީ، ބަނދަރުގެ މަސައްކަތްތަކަށް ބުރޫ ނާރާނޭހެން ކަންކަން އިންތިޒާމް ކުރަމުން އަންނަ ކަން ހާމަކުރައްވާފައެވެ.

ދުބާއީ މީޑިއާ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ބާރުގަދަ ގޮވުން ގޮވާފައި ވަނީ ބަނދަރުގައި އޮތް ބޯޓެއްގައި ހުރި ކޮންޓޭނަރެއްގެ ތެރޭގައި ކަމަށާ، އެ ގޮވުމާއެކު އަލިފާނުގެ ހުޅުގަނޑު ފަޅައިގެން ދިޔަ ކަމަށެވެ.

މި ބާރުގަދަ ގޮވުމާއެކު ދުބާއީ ގުޑައިގެން ދިޔަ ކަމަށް ހަބަރު ލިބެއެވެ. އެގޮތުން، ބަނދަރު ވަށައިގެން 25 ކިލޯމީޓަރުގެ ސަރަހައްދަކަށް ލޮޅުން އިހްސާސް ކުރެވުނު ކަމަށާ، އިމާރާތްތަކާ، އިމާރާތްތަކުގެ ކުޑަދޮރުތަކަށްވެސް ގުޑުން އެރި ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާއިން ބޭރުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށްވެސް މުހިންމު ބަނދަރެއްގެ ގޮތުގައި އޮތް ޖަބަލް އަލީ ޕޯޓްގައި ހިނގި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވީ ކަމެއް ނުވަތަ ފުރާނަ ގެއްލުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

ހާދިސާ ހިނގަން މެދުވެރި ވި ސަބަބާ ގުޅިގެން ތޯތޯ ވާހަކަތައް ފެތުރިގެން ދިއުމުގެ ކުރިން، ހާދިސާގެ ތަހުގީގެއް ހިންގާނެ ކަމަށް، ދުބާއީ މީޑިއާ އޮފީހުން ވަނީ ބުނެފައެވެ. ހާދިސާ ހިނގި ގޮތުގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވާއިރު، ބޯޓުގެ ވަނަވަރުވެސް އާންމު ކޮށްފައެއްނުވެއެވެ.

ހާދިސާ ހިނގި ޖަބަލް އަލީ ޕޯޓަކީ، ދުނިޔޭގައި އޮޕަރޭޓް ކުރާ އެންމެ ބޮޑެތި ބޯޓު ފަހަރުތަކަށްވެސް މުހިންމު ބަނދަރެކެވެ.