ސާކް ކޮވިޑް19 އިމަޖެންސީ ފަންޑުގެ ދަށުން ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް 5،958،781.44 ރުފިޔާ (386،432 ޑޮލަރު) މިއަދު ދީފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިސާގެ ރަމްޒީ ޗެކު، މިނިސްޓަރު އަބްދުﷲ ޝަހިދުއާ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުހްތާރުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވަނީ ޕާކިސްތާނުން ރާއްޖެއާ މެދު އަބަދު ވެސް ބަހައްޓާ ގާތްކަން ފާހަގަކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު ދަންނަވައިފައެވެ.

ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑަކީ މިދިޔަ އަހަރު މާޗުގައި ސާކް ގައުމުތަކުގެ ވެރިން ބޭއްވި، ސާކް ހެޑް އޮފް ސްޓޭޓްސް އެންޑް ގަވަމެންޓްސްގެ ވާޗުއަލް ސަމިޓްގައި، ދުނިޔެ އަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން އުފެއްދި ފަންޑެކެވެ.

ސާކް ގައުމުތަކުގެ މެދުގައި ފައިސާގެ އެހީ ދީގެން އުފައްދާފައިވާ މިފަންޑުގެ ބޭނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސައުތު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ދިމާވާ ދަތިތަކާއި ހީނަރުކަމުން އަރައިގަތުމަށް އެ ސަރަހައްދުގެ ގައުމުތަކަށް އެހީވުމެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިސްނަންގަވައިގެން އެކުލަވާލެއްވި ކޮވިޑް-19 އެމާޖެންސީ ފަންޑަށް، ދިވެހި ރާއްޖެއިން 2 ލައްކަ ޑޮލަރު ދިނުމަށް ނިންމާފައިވާކަން، ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ހާމަކުރައްވާފައެވެ.