ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހު ދިން ޓެރަރިސްޓް ހަމަލާއާ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހަކު މިއަދު ކުރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުން ދޫކޮށްލާފައި ވަނީ ހަމަލާއަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެކެވެ.

ފަހުމީ އަލީ އާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ މި ތިން މީހުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން އެންމެ ފަހުން އާންމުކުރި މައުލޫމާތަކީ ހަމަލާއާ ގުޅުން ހުރި އަށް މީހެއް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެއީ، ފުލުހުން މީގެކުރިން ވަނަވަރު ހާމަކޮށްފައިވާ ފަސް މީހުންނާއި މިއަދު ދޫކޮށްލި ތިން މީހުންނެވެ.

ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެއެވެ. މި ހަތަރު މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ.

އެމީހުން ތިބީ ބަންދުގަ އެވެ.