ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް މަޖިލީހުގެ އިދާރާއިން ދީފައިވާ އޮފީހުގެ ބޭރުގައި އެހެން ޕާޓީއެއްގެ ނަން ޖަހާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތި ކޮށްފައިވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) އެވެ. ދޮންބިލަތް ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި އެހެން ޕާޓީއެއްގެ ނަން ޖަހާފައި ވާތަން ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. އެ ފޮޓޯއިން ފެންނަގޮތުގައި ޖޭޕީ ނަންބޯޑުގެ ތިރީގައި ކަރުދާސްކޮޅެއްގައި "އެމްއެމްޕީ" ޖަހާފައި ވެއެވެ. އަދި "އެމްއެމްޕީ" ގެ މަތީގައި "ޞާލިހު ޕާޓީ" މިފަދައިންވެސް ލިޔެފައި ވެއެވެ.

މި ފޮޓޯ ހިއްސާކުރައްވަމުން ދޮންބިލަތް ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ މަޖިލިސް ގެ އޮފީހުގައި އެހެން ނަންނަމުގަ ބޭނުން ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި މިއީ ވަރަށް ދެރަ ކަމެއް ކަމުގައިވެސް ދޮންބިލަތް ވަނީ ފާހަގަކޮށްފައެވެ.

ހަލީމް މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ހިއްސާކޮށްފައިވާ ފޮޓޯ

ޖުމްހޫރީ ޕާޓީގެ ތެރެއިން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ދޮންބިލަތް ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން އެ މަސައްކަތުގައި އުޅުއްވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ތިމަރަ ފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކަމަށްވެސް ދޮންބިލަތް ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތައް ކަންތައް ކުރައްވާނަމަ ޕާޓީ އަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށްވެސް ދޮންބިލެތް ވަނީ ފާހަގަކުރައްވާފައެވެ.