ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފަސް ނަމެއް މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެލްޖީއޭގެ ބޯޑު މެންބަރު ކަމަށް އައްޔަން ކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް ސޯލިހު ފޮނުއްވި ސިޓީ އިއްވާފައެވެ. އެގޮތުން ރައީސް ހުށަހެޅުއްވި ފަސް ނަމަކީ މ. ލިލީޒް، އަޒްހާ ޒަމީރު އާއި ދަފްތަރު، އައިމިނަތު އަލީ އާއި ގ. ހިމާލިޔާގެ، ފާތުމަތު ނިއުމާ އާއި ހ. ރައިޒިން ސަން، ފާތިމަތު ޒީނާ އަލީ އާއި ޝާޒީބިން ބ. ކެންދޫ، އައިޝަތު ޝީޒާ އެވެ.

މި ފަސް ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ނަންތައް ދިރާސާ ކުރަން ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ފޮނުވާފައެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެން ވަނީ ނުވަ މެނބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރެއް ހިމެނެން ޖެހެއެވެ.

އެލްޖީއޭގެ ބޯޑުގެ މެންބަރުންގެ ދައުރަކީ ފަސް އަހަރެވެ. ބޯޑުގެ މި ދައުރުގެ ރައީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަން ކުރައްވާފައެވެ.