ލ. ހިތަދޫގައި އަންހެނަކު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރާތީ ބަޔަކު ނުކުމެ އޭނާ ވަނީ ރަށުން ބާލާފައެވެ. ފުލުހުންނާއި ރަށުގެ ދެތިން މީހަކު ތިބެގެން ގެންގޮސް ރަށުން ބޭލުވީމާ ފިލްމު ނިމުނީއެވެ.

ނަމަވެސް އެކަން ހިނގާ ދިޔަގޮތާއި، ކަމާބެހޭ އިދާރާތަކުން ވަމުން ދިޔަ އިހުމާލުގެ ވާހަކަ ދައްކާނަމެވެ. ރާއްޖޭގައި ހިނގާފައި ހުރި މިބާވަތުގެ އެތައް އެތައް ކޭސް އެއް ހިނގާފައި ހުރީ އިހުމާލުގެ ސަބަބުންނެވެ.

ލ. ހިތަދޫގައި ހިނގާދިޔަ ކޭސްގައިވެސް ވީ އެހެންނެވެ. އެ އަންހެންމީހާގެ އަމަލުތަކާއި އުޅެމުން ދިޔަ ގޮތް، އެ ރަށުގެ ކައުންސިލުން ޖެންޑާ މިނިސްޓްރީއަށް އެންގިއެވެ. އެތައް ފަހަރަކު އެންގިއެވެ. އަޅާ ނުލާ ތިބީއެވެ.

އަންހެން މީހާ

ލ. މާމެންދޫ އަށް ނިސްބަތްވާ 23 އަހަރުގެ އަންހެން މީހާ ލ. ހިތަދުއަށް ގޮސްގެން އުޅުނީ، އޭނާގެ ފިރިހެން 2 ރައްޓެހިންގެ ގޭގައި އެ މީހުންގެ އާއިލާ އެކުގައެވެ. ލ. ހިތަދުއަށް އައިސް ގޮސް އުޅޭ މީހެއްގެ ގޮތަށް އޭނާ އެރަށުގައި އުޅޭތާ ކިތަންމެ ދުވަހެކެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ލ. ހިތަދޫން "ދަ ޕްރެސް" އާ ވާހަކަދެއްކި މީހަކު ބުނީ، އެ އަންހެންމީހާ އެރަށުގައި އުޅޭތާ 4 މަސް ވަރު ވެދާނެ ކަމަށާއި މި ދޭތެރެއިން ކޮވިޑްގެ ކޭސް ފެނުމުން އޭނާ ރަށަށް، ލ. މާމެންދުއަށް ދިޔަ ކަމަށެވެ.

އެ އަންހެން މީހާގެ އަމަލުތައް ހުންނަ ގޮތުން އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ކޮޅުން ލަމުން ދިޔަ އިރު، އެ ރަށުގެ ކައުންސިލުންވެސް ދިޔައީ އޭނާގެ އަމަލުތައް ބަލަމުންނެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ލ. ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަންމޫން ވިދާޅުވީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެ މައްސަލަ ޖެންޑާއަށް ހުށައެޅުންވި ކަމަށެވެ. އަދި މެއި މަހުގެ ތެރޭގައި ލ. ހިތަދޫ އިން ކޮވިޑް ގެ ކޭސް އެއް ފެނިގެން ރަށް މޮނީޓަރިންނަށް ލާފައި ވަނިކޮށް ޓާސްފޯސްއަށް ވެސް ދެ ފިރިހެން ކުއްޖަކާ އެކު އޭނާ ބަރަހަނާ ހާލުގައި ހުއްޓާ ވެސް ފެނިފައިވާ ކަމަށެވެ.

"ޓާސްކް ފޯހުން އަޅުގަނޑުމެން ތަންކޮޅެއް ދަންވަންދެން ރަށު ތެރެ މޮނިޓާކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައިރު އެ މަންޒަރު ފެނިގެން އަޅުގަނޑުމެން ވީޑިއޯވެސް ކުރިން. އެ ގޭގަ ހުންނަނީ ބައުންޑަރީ ވޯލް ނުލާ، ބޭރުން ހަމަ ރީއްޗަށް ފެނޭ ފެންޑާއެއް ކަހަލަ ތަނެއްގައި އެމީހުން ތިއްބާ. އަޅުގަނޑުމެން ފެނިގެން ވަކި ބިރުންނެއް ނުވެސް ފިލާ"
ލ.ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަންމޫން

އެ ވީޑިއޯ އާ އެކު ޖެންޑާއަށް މައްސަލަ ހުށައެޅިތާ ދުވަސް ތަކެއް ވީފަހުން ކަންވީގޮތް އޮޅުންފިލުވި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އޭގެ ދުވަސް ތަކެއް ފަހުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ 8:30 ހާއިރު ބެލެނިވެރިއެއްގެ ސިޓީއެއް ކައުންސިލަށް ލިބިގެން އަނެއްކާ މައްސަލަ ޖެންޑާއާއި ފުލުހަށް ހުށަހެޅިއެވެ. ކައުންސިލަށް ސިޓީ ލިބުނުތާ ބައިގަޑިއެއްހާ އިރު ތެރޭ މައްސަލަ ހުށަހެޅި އިރު އެސިޓީގައި ނުރައްކާތެރި އެތައް ވާހަކައެއް ހުއްޓެވެ. އޭގެ އެއް ވާހަކައަކީ ލާރި ދީގެން އެ ބެލެނިވެރިޔާގެ ދަރިއަށް ޖިންސީ ގޯނާކުރަމުން ދާ ވާހަކައެވެ.

ފުލުހުންނާއި ޖެންޑާ ބުނީ ކީކޭ؟

މިކަމާ ގުޅިގެން ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ، ލ) ގައި ހިމެނޭ ރަށަކުން 23 އަހަރުގެ އަންހެނަކު މަސްތުވާތަކެތި ބޭނުން ކޮށް އަދި ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައި ވާކަމަށެވެ. އެ މައްސަލަ ކައުންސިލުން ހުށަހެޅީ މި މަހު 4 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގާ ތުހުމަތު ކުރެވޭ މީހާ އެ ރަށުގައި އިތުރަށް ހުރެއްޖެ ނަމަ ރަށުގެ މަސްލަހަތު ގެއްލިދާނެ ކަމަށްޓަކައި އެހެން ރަށަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ގެންދިޔައީ ކޮންރަށަކަށް ކަމެއް އަދި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

"ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގެ މައްސަލައެއް އެބައޮތް. މިފަދަ ކޮންމެ މައްސަލައެއްގައި އަމަލު ކުރަމުންދާ ފަދައިން މި މައްސަލަ އާ ގުޅިގެން ކުދިން ގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ކުދިންގެ އާއިލާއާ އެކު މިނިސްޓްރީ/ ސީއެފްޕީސީ އަދި ލ. އެފްސީއެސްސީ އިން ދަނީ މަސައްކަތް ކުރަމުން"
ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީއާ ތަކުރާރު ކޮށް ސުވާލު ކުރުމުން ބުނަން ކެރުނުހާވެސް ވާހަކަ އަކީ، "ކުޑަކުޑިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގެ މައްސަލައެއް އެބައޮތް" ކަމަށެވެ. އެކަމުގައި އެޓެންޑް ވުން ނުވަތަ އަޅާލުން ލަސްވި ސަބަބެއް ބުނާކަށް ނުކެރުނެވެ. އަދި އެއީ އިހުމާލެއް ނޫންކަމަކަށްވެސް ބުނާކަށް ނުކެރުނެވެ.

ލ. ހިތަދޫގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި އަންހެން މީހާ އެރަށުން ބާލަން ގެންދަނީ

އަންހެން މީހާ ރަށުން ބޭރުކުރުން

އެ މައްސަލައިގައި ލ. މާމެންދޫގައި ތިބޭ ފުލުހުން މިދިޔަ ހޯމަ ދުވަހު ލ. ހިތަދުއަށް އަރާ އަންހެން މީހާ ވަނީ ރަށުން ބޭރުކޮށްފައެވެ. ކައުންސިލުން އެ މައްސަލަ ހުށަހެޅި އިރު ރަށުތެރޭގައި އާންމުން ދިޔައީ އެ އަންހެން މީހާގެ ކަންތަކާ ހެދި ކަންބޮޑުވެ ގޮތް ހުސްވަމުންނެވެ. އެއާއެކު އެ ދުވަހު (ހޯމަ) މެންދުރު 11:30 ހާއިރު ރަށުގެ އަންހެނުންތަކެއް ވަނީ އެ އަންހެން މީހާ އުޅޭ ގޭދޮށަށް އެއްވެ، އެ މީހާ ރަށުން ބޭރުކުރަން ގޮވާފައެވެ.

ކައުންސިލުން ފުލުހުންނަށް އެކަން އަންގައި އަންހެން މީހާ ރަށުން ފޮނުވާލީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޭނާ ބޭންދުމަށް ފަހުއެވެ. ލ. މާމެންދޫން ފުލުހުން ހިތަދުށް ގޮސް އެ މީހާ ގެންދިޔަ އިރުވެސް އެތަނަށް ރަށުގެ ބައެއް މީހުން އެއްވެ އަޑުގަދަ ކުރަމުން ދިޔައީ އެ މީހާ ރަށުން ބޭލުން އަވަސް ކުރުމަށެވެ. މެންދުރު 12:45 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން އަންހެން މީހާ ވަނީ ރަށުން ބާލާފައެވެ. އެ ވަގުތު އަންހެން މީހާގެ ގާތް ބައެއް މީހުން ކަތިވަޅިފަދަ ތަކެތި ހިފައިގެން އެތަނަށް ދިޔަ ކަމަށް ބުންޏެވެ. އަދި ކަތިވަޅި ހިފައިގެން މީހަކު ހުންނަތަން ވީޑިއޯއިން ވެސް ފެނެއެވެ. ނަމަވެސް އެމީހުން އެއްވެސް މީހަކަށް އަނިޔާއެއް ނުދެވެއެވެ.

ކައުންސިލް ގެ ރައީސް ވިދާޅުވީ މި އަންހެން މީހާއަކީ ބަންގްލަދޭޝް މީހުންގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ވަރަށް ގުޅުން އޮންނަ މީހެއް ކަމަށެވެ.

ބަރަހަނާވެ ތެމިގެން ކުނަހަންދުއަށް

"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން އެ ރަށު އިތުރު މީހަކު ބުނީ އޭނާ އުޅެނީ ގާތްގަނޑަކަށް 25 އަހަރާއި 19 އަހަރުގެ ދެ ފިރިހެންނާ އެކުގާ ކަމަށާއި އެ ދެމީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ބައެއް ކަމަށެވެ. އަދި އެ އަންހެންމީހާ އަކީ މަސްތުވާތަކެތީގައި "ފަސްމީރު ކުރި ރުކެއް" ފަދަ މީހެއް ކަމަށެވެ.

ލ. ހިތަދޫން އެ އަތޮޅު ކުނަހަންދުއަށް ހިކިދިޔައިގައި ހިނގާލާފައި ދެވެއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މަސްތުވާތަކެތި ގަތުމަށްޓަކައި ދުވާލަކު ދެތިން ފަހަރު އެ މީހާ އެރަށަށް ގޮސް އުޅޭ ކަމަށާއި ދަނީ ހިތަދޫ ފަސްގަނޑުގައި ހުރެ އަންނައުނު ބޭލުމަށް ފަހު، އަތުން ހިފައިގެން ބަރަހަނާ ހާލުގައި ކަމަށެވެ. އަދި ކުނަހަންދުއަށް ދެވުމާ އެކު އަންނައުނު ލާކަމަށް ވެސް ވަނީ ބުނެފައެވެ.

"ދަ ޕްރެސް" އިން އެ ރަށުން އިތުރު މީހުންނާ ވާހަކަ ދައްކާލުމުން ބުނީ އަންނައުނު އަތުން ހިފައިގެން ބަރަހަނާ ހާލުގައި ކުނަހަންދުއަށް ދާ މަންޒަރު އެތައް ބަޔަކަށް ފެނިފައިވާ ކަމަށެވެ.

އޭނާގެ އެ އަމަލުތައް ރަށުގެ އެތައް ބަޔަކަށް ފެނި، އަދި ރަށުގެ ޒިންމާދާރު ފަރާތުން ކަމާބެހޭ އިދާރާތަކަށް ހުށަހަޅަމުން ދިޔަ އިރު އެ އިދާރާތަކުން އަޅާނުލާ ދިޔަ ކޮންމެ ދުވަހަކީ، އެ އަންހެން މީހާ، އެތައް ކުޑަކުއްޖަކަށް ޖިންސީ ގޯނަ ކުރި ދުވަހެއް ކަމުގައި މީހުން ބުނެއެވެ. އަދި އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ ސީދާ ކިތައް ކުދިންނަށް ކަން ބުނަން ދަތިވި ނަމަވެސް އެ އަންހެންމީހާ ބޮޑަށް "ޝިކާރަ ކުރަމުން ދިޔައީ" ރަށުތެރޭގައި ހޭލަަމޭލައަށް އުޅޭ ކުދިން ކަމަށް ކައުންސިލްގެ ރައީސް ޝަންމޫން ވަނީ ވިދާޅުވެފައެވެ. ޝަންމޫން ވިދާޅުވީ އެ އަންހެންމީހާގެ ދެ ދަރިން ތިބޭ ކަމަށާއި އެ ކުދިން ތިބީ ޖެންޑާގެ ބެލުމުގެ ދަށުގައި ކަމުގެ މައުލޫމާތުތައް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ޖެންޑާގެ އަޅާލުން ކުޑަކަމާ މެދު ވާހަކަ ދައްކަވަމުން އޭނާ ވިދާލުވީ، ޖެންޑާ އަށް މައްސަލައެއް ހުށައަޅައި އެކަން ކުރިއަށްް ގެންދަން ވަރަށް އުދަނގޫ ކަމަށާ، ކައުންސިލް ތަކުގައި ޖެންޑާގެ ވަކި މީހަކު ބެހެއްޓުން މާ ބުއްދިވެރި ވާނެ ކަމަށެވެ.

ރާއްޖޭގައި ތަފާތު އެކިއެކި ފަރާތްތަކުގެ އިހުމާލުން އެތައް ކުޑަކުއްޖަކަށް އަނިޔާ ލިބެމުން ދާއިރު، ޖެންޑާ މިނިސްޓްރީ ފަދަ ޒިންމާދާރު އިދާރާތަކުން އަވަސް ފިޔަވަޅު އަޅާ ކަންކަން ހައްލު ނުކުރުމަކީ އޮތް ބޮޑު ކަންބޮޑުވުމެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ކޮންމެ މަހަކު މުސާރަ ނަގައިގެން ގެއަށް ދާއިރު އެ މުސާރަ ހަލާލުވާ ވަރު ގައިމު ކުރަން ޖެހޭނެތާއެވެ.