ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު އެކަމަށް ގޮވާލައްވާފައި ވަނީ ރޭ ކްލަބް ހައުސްގައި ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވާހަކަ ދެއްކަވަމުންނެވެ.

2023 ގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ އަހާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބެއް ރާއްޖޭގައި މިހާރު ބޭއްވުމަކީ އެހާ ބުއްދިވެރި ކަމެއް ނޫންކަމަށެވެ.

ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ހިންގުން ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމާއި ޕީޕީއެމް އިން ދެކޮޅު ނުހަދާ ކަމަށެވެ.

ބަރުލަމާނީ ނިޒާމާއި ބޮޑުވަޒީރުގެ ވާހަކަ އާކުރެއްވި އިރު މީގެ ކުރިން އެތައް ހަފްލާއެއްގައި ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށާއި އަދި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.