2023 ގައި ރިޔާސީ އިންތިހާބެއް އޮންނަ ނަމަ ވާދަކުރައްވާނެ ކަމަށާއި އެކަމަކު އެންމެ ބޮޑަށް ބޭނުންފުޅު ވަނީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވީ އާސްކް ސްޕީކާ ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވަންޏާ ވާދަކުރައްވާނަންތޯ އެހި ސުވާލުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ ނަޝީދު ކަމަށެވެ. އަދި އެއީ 2023 ގައި ރިޔާސީ އިންތިހާބެއް އޮންނަ ކަމަށް ވާނަމަ ކަމަށާއި އޭގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވާފައެވެ.

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމު ގެނެސް މަޖިލީސް ތެރެއިން ބޮޑުވަޒީރު ކަނޑައެޅިގެން ދާނެ ކަމަށާއި އެކަމުގައި ޕީޕީއެމްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަދި އެކަމުގައި ޕީޕީއެމް އިން ދެކޮޅު ނުހަދާ ކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުން ބޮޑުވަޒީރަކު ކަނޑައަޅާއިރު އެމަނިކުފާނުގެ ނަން ހިމަނާން އެދިވަޑައިގަންނަވާ ކަމަށެވެ.

ބަރުލަމާނީ ނިޒާމާއި ބޮޑުވަޒީރުގެ ވާހަކަ އާކުރެއްވި އިރު މީގެ ކުރިން އެތައް ހަފްލާއެއްގައި ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށާއި އަދި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.