މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހަރާ ކޮށްލަން ދިން ހަމަލާގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވެއްޖެއެއެވެ.

ނަޝީދު އެހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކްލަބް ހައުސްގައި ބާއްވާ، "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެއީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ހަމަލާއެއް ކަމަށް ކުޑަކޮށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

ހުރިހާ ރައްޔިތުންނަށް ވެސް އެނގޭނެ އަޅުގަނޑަކީ ވެސް ސަރުކާރުކަން، އަޅުގަނޑުގެ ޕާޓީގެ ރައީސް ރައީސް ކަމުގައި އެ ހުރީ، އަދި އަޅުގަނޑުމެންގެ ޕާޓީގެ އަޣުލަބިއްޔަތު މިއޮތީ މަޖިލީހުގަ، ސަރުކާރުން އެކަމުގައި ބައިވެރިވެގެން ދިން ހަމަލާއެއް ގޮތުގަ ދެކެން އަޅުގަނޑަަށް ވަރަށް ބޮޑަށް އުނގަދޫ
މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުުވީ ތަހުގީގު ނިމޭއިރު ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވީ 4 މީހުން ކަމަކަށް ނުވާނެ ކަމަށެވެ. އެކަމުގައި ރޭވުމުގައި ބައިވެރިވި މީހުން އަދި މިކަމަށް ހަރަދު ކުރުމުގައި ބައިވެރިވި މީހުން ފެންނަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވާއިރު އެ ހަމަލާއާ ގުޅިގެން ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަކި "އިންސައިޑް ޖޮބެއް" ކަމަށެވެ.