ދެ ގައުމަކުން ރާއްޖެއަށް އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން އައްޔަން ކޮށްފިއެވެ.

އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފައިވަނީ ހަންގޭރީ އިންނާއި އިންޑޮނޭޝިއާ އިންނެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި އެގައުމުތަކުގެ އޮނަރަރީ ކޮންސިލްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދީ އެކަމުގެ ލިޔުން (އެގްޒެކެޓަރ) ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ހަވާލުކޮށްދެއްވަފައިވާ ކަމަށެވެ.

އެގޮތުން މިއަދު އެގްޒެކެޓަރ ހަވާލުކުރެއްވީ ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އެގައުމުގެ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހް އަދި އިންޑޮނީޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އެގައުމުގެ އޮނަރަރީ ކޮންސުލް ޖައުފަރު އީސާ އާދަމްއަށެވެ.

އިންޑޮނޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލް ޖައުފަރު އީސާ އާދަމް / ފޮޓޯ: ފޮރިން މިނިސްޓްރީ

އެކި ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އޮނަރަރީ ކޮންސުލް އިންނަކީ އެގައުމުތަކުގެ ސަރުކާރުން ކަނޑައަޅުއްވާ، އެގައުމުތަކުން ރާއްޖޭގައި ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތަކުގައި އެހީތެރިވުމަށް ތިއްބަވާ ބޭފުޅުންނެވެ.