އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ތާއީދު ނެތްކަން ހާމަކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް އިން ބުނީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ގާނޫނު ނަންބަރު 2014/9 އަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ނުކުރެވޭ ކަމަށް އެ ޕާޓީގެ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެމްއާރްއެމް އިން އިތުރަށް ބުނީ އެ ބިލުގައި ހުރި ކަންބޮޑުވުންތަށް ސަރުކާރާއި ހިއްސާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ ބިލާ ގުޅޭ ކަންބޮޑުވުންތައް އެމްއާރުއެމްގެ އިތުރުން މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތާއި ޖުމްހޫރީ ޕާޓީން ވެސް މީގެ ކުރިން ވަނީ ފާޅުކޮށްފައި ވެއެވެ.