ފިލިޕީންސްގެ އަސްކަރިއްޔާއިން ފަސެންޖަރުން އުފުލުމަށް ބޭނުން ކުރާ މަތިންދާ ބޯޓެއް، 92 މީހުންނާއެކު ވެއްޓިއްޖެއެވެ.

ފިލިޕީންސްގެ ދެކުނުގެ ސަރަހައްދަކަށް މަތިންދާ ބޯޓު ވެއްޓުނުއިރު، އެ ބޯޓުން ދަތުރު ކުރަމުން ދިޔަ ފަސެންޖަރުންގެ ތެރޭގައި ގިނައީ އަސްކަރީ ސިފައިން ކަމަށް މައުލޫމާތު ލިބެއެވެ.

ޖޯލޯ އައިލަންޑަށް ބޯޓު ވެއްޓުނު ސަރަހައްދުން ބައެއް ފަސެންޖަރުންގެ ހަށިގަނޑު ފެނިފައި ވާއިރު، 40 މީހަކު ވަނީ އިތުރު ފަރުވާއަށް، އަސްކަރީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހަބަރު ޝާއިއު ކުރުމާ ހިސާބަށް ލިބިފައި ވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، މިހާތަނަށް 17 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ފިލިޕީންސްގެ ދިފާއި ވަޒީރު، ޑެލްފިން ލޮރެންޒާނާ ވިދާޅުވީ، ސީ 130 ހާކިއުލީސް މަރުކާގެ ބޯޓު ވެއްޓުނީ، ޖޯލޯ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ.

މި ބޯޓުން ދަތުރު ކުރި ސިފައިންގެ ތެރޭގައި، ފިލިޕީންސްގެ ދެކުނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެ ސަރަހައްދަށް ފޮނުވި ސިފައިންވެސް ހިމެނެއެވެ. މި ހަމަނުޖެހުންތައް ހިންގަމުން ދަނީ ހަރުކަށި ފިކުރުގެ ހަތިޔާރު އެޅި ހަނގުރާމަވެރިންނެވެ.

މި ބޯޓުން ދަތުރުކުރި ގިނަ މީހުންނަކީ ދާދި ފަހުން އަސްކަރީ ތަމްރީނުތައް ނިންމާލި މީހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ނަމަވެސް އޮފިޝަލުން ވިދާޅުވީ، މަތިންދާ ބޯޓަށް ހަމަލާ ދިން ކަމުގެ ސިގުނަލެއް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ނިމުނު ހާ އަވަހަކަށް، ހާދިސާގެ ތަހުގީގު ފަށާނެ ކަމަށްވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.