ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މެއި މަހު 6ގައި ދިން ޓެރަރިސްޓް ހަމަލާގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ދިފާއީ ވަކީލަކަށް ތަހްގީގު މަރުހަލާގައި މަސައްކަތްކޮށްފަނުވާނެ ކަމަށް ލޯޔާ ޝަޒީމް ވަހީދު ވިދާޅުވެއްޖެއެވެ.

ޝަޒީމް އެހެން ވިދާޅުވީ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކުރެއްވި ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

އެގޮތުން ނާޒިމް ސައްތާރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލައިގެ ތުހުމަތުވާ މީހުންގެ ވަކީލުންގެ ގޮތުގައި މުހައްމަދު ރާގިބްގެ ލީގަލް ޗެންބާސްގެ ވަކީލުން ކަމަށްވާ އާސިފްއާއި ޝަޒީމް، މަަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ރާގިބްއަކީ ކުރިން ގާޒީ ކަމުން ވަކިކޮށްފައިވާ ބޭފުޅެއް ކަމަށާއި އޭނާއަކީ ރައީސް ނަޝީދާ ޒާތީ ގޮތުން ޖައްސައިލައިފާ ހުންނަ މީހެއްކަމަށް ވެސް ނާޒިމް ސައްތާރު ވަނީ ތުހުމަތު ކުރައްވައިފައެވެ.

އެ ތުހުމަތުތައް ދޮގުކުރައްވާ ޝަޒީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމާލާގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ދިފާއީ ވަކީލަކަށް ތަހްގީގު މަރުހަލާގައި މަސައްކަތްކޮށްފާ ނުވާނެ ކަމަށާއި އަދި އެމައްސަލައިގައި ކްރިމިނަލް ކޯޓުގައި ވަކާލާތުކޮށްފައި ވެސް ނުވާނެ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ޙަމާލާގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ ދިފާޢީ ވަކީލަކަށް ތަޙްޤީޤު މަރުޙަލާގައި މަސައްކަތްކޮށްފައި ނުވާނެ އަދި ކުރިމިނަލް ކޯޓުގައި ވަކާލާތުކޮށްފައި ވެސް ނުވާނެ. ޕަބްލިކަށް މެސެޖު ދޫކުރުމުގައި ޒިންމާދާރުވޭ.
ޝަޒީމް ވަހީދު

ޝަޒީމްގެ އިތުރުން ލޯޔާ އާސިފް ވެސް އެ ތުހުމަތުތަށް ދޮގު ކުރައްވާފައެވެ. އެގޮތުން ނާޒިމް ސައްތާރު ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވާ އެއީ " ދޮގެއް"ކަމަށް އާސިފް ވިދާޅުވިއެވެ.