ރައްޔިތުން މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނެ ކޮމެންޓް ކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.

މަޖިލީސް ގޮށްވާލާނެ ކަމަށް ބުނެ ކޮމެންޓުކުރި މައްސަލާގައި ޖޫން 1، 2021 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާ ދޫކޮށްލާފައި ވަނީ ތަހުގީގު ނިމިފައިވާތީ ކަމަށެވެ. އަދި އެމީހާ ދޫކޮށްލައިފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ރަސްމީ ޕޯޓަލްއިން މައްސަލަ ހިއްސާކޮށް މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށް ފަހު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ލިބުމުން އެރޭ ވަނީ މަޖިލިސް އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭމަހުގެ 6 ވަނަ ދުވަހު ވެސް ބަޔަކު ޓެރަރިސްޓް ހަމަލާއެއް ދީފައިވާއިރު އެ ހަމަލާއާއި ގުޅިގެން ވެސް ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށް އެކަމުގެ ތަހުގީގު ކުރަމުންނެވެ.

އަދި އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ލިބުމާ ގުޅިގެން މިރޭ ވަނީ އިންޑިއާ އަދި ޗައިނާ އެމްބަސީ ކައިރީ ސަލާމަތީ ބާރުތަކުން ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.