ރައީސް ޔާމީނު ސަރުކާރުގައި ހުންނެވި ސައުދީގެ ސަފީރަށް ފާޑުވިދާޅުވެފައިވާ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ޑިޕްލޮމަޓުންނަށް ފާޑުކިޔުންތައް އަމާޒުވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ކަނޑައަޅާފައިވާ ބޭރުގެ ސަފީރުންނާ ގުޅޭގޮތުން ދައްކާ ވާހަކަ ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށެވެ. އަދި އިންޑިއާއާ ގުޅޭގޮތުން ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

2018 ވަނަ އަހަރު ޔާމީނު ރައީސްކަމުގައި ހުންނެވި އިރު އެމަނިކުފާނު ސައުދީއާ ބަހައްޓަވާ ގާތްކަމުގެ ސަބަބުން ރައީސް ނަޝީދު ވަނީ ސައުދީގެ ސަފީރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސައުދީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރަކީ ޓެރަރިޒަމް އަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓާއި 2018 ވަނަ އަަހަރު ސައުދީ ސަފީރާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓްގެ ސްކްރީންޝޮޓެއް

އިންޑިއާގެ ހައިކޮމިޝަނަށް އަމާޒުކޮށް ރާއްޖޭގެ ބައެއް މީޑިއާތަކުން އެކޮމިޝަނާއި ޑިޕްލޮމެޓުންގެ ކަރާމާތަށް ގެއްލުންވާގޮތައް ހަބަރު ފަތުރަމުން ދާތީ އެ ކޮމިޝަނުން ވަނީ އެ މީޑިއާތަކަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައެވެ. އަދިހަމައެހެންމެ މި މައްސަލައިގައި މީޑިއާތަކަށް ފިޔަވަޅު އަޅައިދޭން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިިޓީން އިން ވެސް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ސިޓީ ފޮނުވައިފައެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ނެރޭ ހަބަރުތަކުގައި ރާއްޖެއަށް ކަނޑައަޅާފައި ވާ ބޭރުގެ ޑިޕްލޮމެޓުންގެ އަބުރާ ކަރާމަތައް ނޭދެވޭ އަސަރު ކުރާގޮތަށް ވާހަކަތައް ގެނެސްދީފައި ހުންނާތީ އެގޮތަށް މަސައްކަތް ނުކުރުމަށް ފޮރިން މިނިސްޓްރީއިން ވެސް ވަނީ އެދިފައެވެ. މިނިސްޓްރީ އިން ބުނީ މިގޮތަށް ހަބަރު ފެތުރުމަކީ ރާއްޖެއާއި ބޭރުގައުމުތަކާ އެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި އެ ޑިޕްލޮމަޓުންނަށް އޮންނަ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅި އެމީހުންގެ ޒިންމާ، އެންމެ ފުރިހަމައަށް އަދާކުރުމުގައި ހުރަސްއެޅިގެން ހިނގައިދާނެ ކަމެއްކަމަށްވެސް މިނިސްތްރީ އިން ފާހަގަ ކޮށްފައިވެއެވެ.