ދާދިފަހުން ފޭސްބުކްގައި ލިޔެފައި އޮއްވާ ފެނުނު އެއްޗެކެވެ. ”ވަޒީފާއެއް އިނަސް އަދިވެސް ދެނީ އިހުޒަމާނުގެ މީހުންނަށް. ދަބަރު ޖަހާފަ ތިބި މީހުންނަށް. އަލަށް ކިޔަވައިގެން ނިކުމެފަ ތިބި ޒުވާން ކުދިންނަށް ބޮޑު ވަޒީފާތައް ދީބަ! އޭރުން މާ ބަރާބަރަށް ކަންކަން ޖައްސާނެ! ދަބަރުޖެހި އެންމެން ބާކީ ކޮށްފަ ގެޔަށް ފޮނުވަބަ!“
ލިޔެފައި އޮތް އެއްޗެއްގެ ބަހުގެ ފެންވަރާ މެދު ހަމަ އެއްވެސް އެއްޗެއް ނުބުނާނަމެވެ. ދައްކަން އޮތީ އެޔަށްވުރެ މާ ބޮޑު ވާހަކައެކެވެ.
މިބުނާ ސްޓޭޓަސް އަށް ކޮމެންޓް ކޮށްފައި ހުރި ބައެއް މީހުން އެޔާ އިދިކޮޅަށް ވާހަކަ ދައްކާފައި ހުއްޓެވެ. ބައެއް މީހުން އެޔާ އެއްކޮޅަށްވެސް ވާހަކަދައްކާފައި ހުއްޓެވެ. ލަފާ ކުރެވޭ ގޮތުގައި އިދިކޮޅަށް ކޮމެންޓް ކޮށްފައި އެހެރީ ތަންކޮޅެއް ދުވަސްވީ މީހުންނެވެ. އެއްކޮޅަށް ކޮމެންޓް ކޮށްފައި އެހެރީ، ސްޓޭޓަސް ޖެހި މީހާ އެބުނާ ކަހަލަ، އަލަށް ކިޔަވައިގެން ނިކުމެ ތިބި ޒުވާނުންކަމަށް ފެނެއެވެ. އެތަނުން އެކަކު ލިޔެފައި އޮތެވެ. ”އެކަހަލަ މުސްކުޅި މީހުން މިހާރު ތިބޭނީ ކާނެ ވަރަކަށް ކައިގެން. އަހަރުމެންނަކަށް ނުޖެހޭނެ އެމީހުންގެ ބަލަދުއަރާފަ ތިބޭކަށް. ބޭރު ކުރަންވީ.“
މިބުނާ ލިޔުންތައް ފެނިފައި ހިތަށް ވަރަށް ގިނަ އެއްޗެހި އެރިއެވެ. އެންމެ ފުރަތަމަ ހިތަށް އެރި އެއްޗެހި އެއްކައިރިކޮށްފައި، ފަހުން އެރި އެއްޗެހި މިތާނގައި ލިޔެލާނަމެވެ.
ތެދެކެވެ. ރާއްޖޭގެ ވެރިކަމުގެ އެންމެ މަތީ ފެންވަރާ ޖެހިގެން އޭގެ ދަށުން ހުރި ބޮޑެތި ބޮޑެތި މަގާމުތަކުގައި ވަރަށް ޅަ ޒުވާނުންވެސް މިއަދު އެބަތިއްބެވެ. އަދި ހަމަ އެޔާއެކު، ”އިހުގެ ރެލީ“ ވެސް އެބަ ތިއްބެވެ. ބޭރު ކުރަންވީ ފަހުން މިބުނާ ވައްތަރު ދޯއެވެ؟ އެމީހުން ބޭރުކުރަން ޖެހޭކަމަށް ބައެއް މީހުން ބުނާ ބައެއް ސަބަބު މިތާނގައި މިލިޔަނީއެވެ. މި ސަބަބުތަކާ އެއްބަސްވުމާއި ނުވުން އޮންނާނީ ކިޔާ މީހުންގެ އަތްމަތީގައެވެ.
ބުނާ އަޑު އިވެއެވެ. މުހިންމު ބޮޑެތި ވަޒީފާތަކުގައި އެތިބޭ ދުވަސްމީ މީހުންނަކީ މިހާރުގެ ގޮތްތަކަށް ކިޔަވައިގެން ތިބޭނެ ބައެއް ނޫނެވެ. އަދި އެމީހުންގެ ޒުވާން ދުވަސްވަރު ވަޒީފާޔަށް ވަނަސް، އެ މީހުންގެ ދާއިރާތަކުން އަބަދުވެސް އާ މައުލޫމާތު ހޯދައި، ތާޒާވާކަށް އޭގެ ތެރެއިން އެއްވެސް މީހަކު ދުވަހަކުވެސް މަސައްކަތް ކޮށްފައެއް ނޯންނާނެޔޭވެސް ބުނެވެއެވެ. މާނަޔަކީ، ”އަޕްޑޭޓް އެންޑް ރިފްރެޝް“ މިއީ ދުވަސްވީ މީހުން ކުރާނެ ކަމެއް ނޫނެވެ. އެހެންވީމާ އެމީހުން ތިބޭނީ ދަބަރުޖަހާފައެވެ. މިޒަމާނުގެ އެއްވެސް އެއްޗެއް އެމީހުންނަކަށް ނޭނގޭނެއެވެ. އެހެންވީމާ، އެމީހުން ބާކީކޮށްފައި ދުރަށް ލާންވިއްޔެވެ. އަލަށް ކިޔަވައިގެން އަންނަ ކުދީން ތިބޭނީ އެންމެ މިހާރުގެ ގޮތަށް ސްރީ ލަންކާއިންނާއި، އިންޑިޔާއިންނާއި، ފިލިޕީންސުންނާއި، ފީޖީއިންނާއި، ޔޫރަޕާއި، ރަޝިއާއާއި، އެމެރިކާއިން ވަރަށް މޮޅަށް ހުރިހާ އެއްޗެއް ކިޔަވައިގެންނެވެ.
ބުނާ އަޑު އިވެއެވެ. މުހިންމު ވަޒީފާތަކުގައި ތިބި ދުވަސްވީ މީހުންނަކީ ތަޖުރިބާގެ ގޮތުން މާމޮޅު ބައެކެވެ. އެކަމަކު އެބުނާ ތަޖުރިބާޔަކީ ދެލިއަޅާ ގަލަމުން ރީތިކޮށް ލިޔަން އެނގުމެވެ. ދިވެހިބަހުން ރީތިކޮށް އިބާރާތްކުރުމާއި ވާހަކަދައްކަން އެނގުމެވެ. ގިނަ ދުވަހު ދާއިރާގައި މަސައްކަތް ކުރީތީ، އެ ދާއިރާއިން ރާއްޖޭގައި ކަންކަން ހިނގާ ނުހިނގާ ގޮތްތައް އެމީހުންނަށް އެނގޭނެއެވެ. އެއީ މޮޅުކަމެކޯލައެވެ. އެކި ދާއިރާތަކުގެ ކަންކަމަށް ލޯހުޅުވިފައި ހުރުމާއި، މީސް ނުމީސް ވަކިކުރަން އެމީހުންނަށް އެނގޭނެޔޯލައެވެ. ގުޅުންތައް ބަދަހިވެފައި ހުންނާނެޔޯލައެވެ. އެކަމަކު އެއީ ދެން ކޮން އެއްޗެއްހޭ، ޒަމާނީ ތައުލީމުގެ ބޭނުންކުރަން ފެށީމާ އެހުރިހާ އެއްޗެއް ބޭނުމެއް ނުވާނެ ކަމަށް ޅަކުދީން ބުނެއެވެ. ކީބޯޑުން ލިޔަން އެނގިފައި، ލިޔާ އެއްޗެއް ކިޔާމީހާޔަށް ދޭހަވަންޏާ ދެން ކޮން ފޮނި އިބާރާތެއްހޭ ފަހުން އަންނަ ކުދީން ބުނެއެވެ. ރާއްޖޭގައި ކަންކަން ހިނގާގޮތް އެހައި މުހިންމެއް ނޫނޭވެސް ބުނެއެވެ. މީހުންނާއި ނުމީހުން ވަކިކުރާކަށް ނުޖެހެޔޭ، ކަމެއްގެ ތާރީހެއް، މާޒީއެއް، ބޭނުމެއް ނޫނޭވެސް ބުނެއެވެ. އެމީހަކު ކިޔެވި ތަނެއްގައި މޮޅަށް ކަންކުރާގޮތަށް ކަންކަން ކުރިޔަށް ގެންދިޔައިމާ އެ ނިމުނިއްޔޭ ބުނެއެވެ.
ދެން އޮތީ ބަލަދުއެރުމުގެ ވާހަކައެވެ. ބުނާ އަޑު އިވެއެވެ. ކިޔަވައިގެން ތިބި ޒުވާނުންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނީ ތިމަންމެންނޭ ދުވަސްވީ މީހުން ބުނެޔޯލައެވެ. އެކަމަކު އެއީ ދަރަންޏެއް ނޫނޭ، އެކަން އެމީހުން ކުރީ އެއީ އެމީހުންގެ ވާޖިބަށް ވާތީއޭ ޅަކުދީން ބުނާނެއެވެ. އޭގެ ބަދަލުގައި ޒުވާނުން އެމީހުން ބަލަން ޖެހުން އެއީ އޮންނަ ކަމެއް ނޫނޭ، އިހުމީހުން މަސައްކަތްކުރީ ލިބޭ މުސާރަޔަށޭވެސް ބުނާނެއެވެ. މުސާރަ ލިބުނޭ، ދެން އަހަރުމެންނަށް ގޮނޑި ދީފައި އެމީހުން ދާންވީއޭ ބުނެވޭނެއެވެ. ދުވަސްވީމައި އުޅޭނެގޮތް ހޯދުމަކީ އެމީހުން ކޮށްފައި އޮންނަން ޖެހޭނެ ކަމެކޭވެސް ފަހުން އަންނަ ކުދީން ބުނާނެއެވެ. ނުކޮށް އޮތިއްޔާ އެއީ އެމީހުންގެ މޮޔަކަމޯލައެވެ!
މިކަހަލަ ކޮމެންޓު ލިޔާ މީހުންނަށް ދޮންމަނިކު ދޭން އޮތީ ހަމަ އެންމެ ނަސޭހަތެކެވެ. ދިވެހީންގެ މުހާވަރާއެއްގައި އެ އޮންނަ، ކާންދިން އަތުގައި ދަތް ނުއަޅާށޭއެވެ. މައިންބަފައިންނާއި އެދުރުންނަށް ކަމޭހިތަން ބުނެދޭނަމެވެ. ކުދިކުދި މުސާރައިގައި އަމާނާތްތެރިކަމާއެކު އެމީހުން ކުރި ހިދުމަތުގެ ވާހަކަ ދައްކާނަމެވެ. ތަޖުރިބާޔަށް ގަދަރުކޮށް، އޭގެ ބޭނުން ހިފަން ނަސޭހަތް ދޭނަމެވެ. ދުވަސްވީ ކޮންމެ މީހަކީ ”އަޕްޑޭޓް އެންޑް ރިފްރެޝް“ނުވެ ހުންނަ މީހެކޭ ހީކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކޭވެސް ބުނާނަމެވެ. ރާއްޖޭގެ ކަންކަން ހިނގާނުހިނގާ ގޮތާއި އެކަންކަމުގެ މާޒީޔާއި ތާރީހަށް ވިސްނާށޭ ބުނާނަމެވެ. ރާއްޖޭގައި ހިނގާ ކަންކަމުގެ ”މޫވާސް، ޝޭކާސް، އިންފްލުއެންސާސް“ މިހުރިހާ އެންމެނަށް ސަމާލުކަން ދޭންވެސް ނަސޭހަތްދޭނަމެވެ. ކިތަންމެ މަތީ ފާހެއް ރާއްޖޭން ބޭރުން ނަގައިގެން ހުއްޓަސް، އެ ފާހެއް ނެގިތަނަކާއި ރާއްޖެޔާ ތަފާތުކަން އަބަދުވެސް ހަނދާނުގައި ބާއްވާށޭ، ދުނިޔޭގެ އެހެން ތަންތަނާ ރާއްޖެ ތަފާތުކަންވެސް ހަނދާނުގައި ބަހައްޓާށޭ ބުނާނަމެވެ.
ދޮންމަނިކު އަދިވެސް ބުނާނަމެވެ. އަލަށް ކިޔަވައިގެން އަންނަ ޒުވާނުން ބޭނުންވާ އެންމެ ފުރަތަމަ ކަމަކީ ބޮޑު ވަޒީފާއެއްގެ ގޮނޑީގައި އިން ދުވަސްވީ މީހަކު އެގޮނޑިން ”ލުހެލާފައި“ އެތާނގައި އިށީނުން ކަމަށް ނުދެކޭށެވެ. އޭގެ ބަދަލުގައި އެމީހާގެ ތާއީދާއި ރުހުމާއި އެހީ ހޯދަން ދަސްކުރާށެވެ. އެމީހާ އެއީ ”މެންޓޯ“ އެދުރެއް ކަމަށް ބަލައިގަންނާށެވެ. އެޔާ ޚިލާފަށް، ބޮޑު މުސާރަޔާއި ބާރުގެ ބޭނުމުގައި އެމީހާ ވަޒީފައިން ވަކިކުރުވަން ނުހިފާށެވެ. އެމީހާ އެހެންމީހުންގެ ކުރިމަތީގައި ދަށް ކޮށްލަން ނުހިފާށެވެ. އެމީހާގެ ކުރިމަތީގައި ހަމައެމީހާގެ އަގުވައްޓާލަން ނުއުޅޭށެވެ. މީހުންގެ ކުރިމަތީގައި އޭނާޔަކީ ފެންވަރެއްނެތް މީހެއްކަމަށް ދައްކަން ނުއުޅޭށެވެ. މާނަޔަކީ، އެމީހާޔަކީ ދުޝްމަނަކަށް ނުހަދާށޭއެވެ.
ދޮންމަނިކުގެ މިވާހަކަޔަށް ކަނުލައި އަޑުނޭހިއްޖެނަމަ ވާނެ ދެގޮތެއް ބުނެދޭނަމެވެ. އެއް ގޮތަކީ އަލަށް ކިޔަވައިގެން އައިސް އަލަށް ލިބޭ ވަޒީފާގެ ދާއިރާއިން ދުޝްމަނުން ގިނަވެގެން ނުވަތަ މަސައްކަތް ކުރަންވާ ގޮތަށް ރަނގަޅަށް ނުކުރެވިގެން ޒުވާނުން ފޭލިވެގެން ދިޔުމެވެ. އަނެއް ގޮތަކީ، ކޮންމެވެސް ރަނގަޅު ގޮތްތަކެއް ވެގެން، ނުވަތަ ނުކިއްސަރު ނުފޫޒެއްގެ ބޭނުން ހިފައިގެން ނަމަވެސް ތިމާމީހާ ބޮޑު ގޮނޑީގައި ވެޑުވިފައި އިނދެ، ތިމާ ދުވަސްވީ މީހަކަށް ވާދުވަހު، ތިމާޔާމެދު ވެސް މިކަހަލަ އެއްޗެއް ސޯޝަލް މީޑިޔާގައި ލިޔެފައި އޮއްވައި ފެނުމެވެ. ”ބޮޑު ވަޒީފާއެއް އިނަސް އަދިވެސް އެތާ އެއިނީ އިހުޒަމާނުގެ މީހެއް. ދަބަރު ޖަހާފަ އިން މީހެއް. އަލަށް ކިޔަވައިގެން ނިކުމެފަ ތިބި ޒުވާން ކުދިންނަށް އެ ވަޒީފާ ދީބަ! އޭރުން މާ ބަރާބަރަށް ކަންކަން ޖައްސާނެ! ދަބަރުޖެހި އެކަލޭގެ ބާކީ ކޮށްފަ ގެޔަށް ފޮނުވަބަ!“
ޢިހުގެ ރެލީ އަދިވެސް މާ މޮޅު ވާނެ. ޢިހުގެ ރެލީ އަޅައިދިން ރޮނގުމަތިން ފަހުގެ ރެލީ ތި ދަތުރު ކުރަނީ.
ފައްކާ ލިޔުމެއް..