ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިޔަން ރުފިޔާ ދޭން ޖެހޭގޮތަށް އުސޫލު ފިއެވެ.
މަރަށް މަރު ހިފުމުގެ އަދަބު ޝަރީއަތުން ކަނޑަނާޅާ ހާލަތުގައި މުހައްފަފު މަރުގެ ދިޔަ އަކީ އެއް މިލިއަން ދިވެހި ރުފިޔާކަމަށް "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އިސްލާހުކޮށް އަދަބު ކަނޑައެޅުމާ ގުޅޭ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިއަދު އާންމުކޮށްފިއެވެ.
މަރުގެ ދިޔައިގެ ގޮތުގައި ކުރިން ދޭން ޖެހެނީ 100،000 ރުފިޔާއެވެ.
އެ އުސޫލުގައިވާ ގޮތުން މަރުގެ އަދަބު ދެވޭނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 92 ވަނަ މާއްދާގެ (ފ) ގައި ބަޔާންވެގެންވާ ފަދައިން މީހަކު މެރުމުގެ ކުށްތަކުގެ ތެރެއިން ގަސްތުގައި އެންމެ އަނިޔާވެރިކޮށް، އެންމެ އަނިޔާދެނިވި ގޮތެއްގައި މީހަކު މެރުމުގެ ކުށަށެވެ. އަދި މަރުގެ އަދަބު ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 1204 އަދި 1205 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ފަނޑިޔާރު ރިއާޔަތް ކުރަންވާނެކަމަށް އެ އުސޫލުގައިވެއެވެ.
ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމް ކޮށްފިނަމަ، އެ ޙުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށްވެސް އުސޫލުގައިވެއެވެ. އަދި ދަށުކޯޓުން މައްސަލަ ނިމުނުއިރު، ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފައިވާ ޙާލަތުގައި، އިސްތިއުނާފުގެ މުއްދަތު ހަމަވާއިރު ކުށްވެރިޔާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ނުވާނަމަ، އެ މައްސަލައިގެ ޙުކުމް ނިހާއީ ކުރުމަށްޓަކައި ވީއެންމެ އަވަހަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަންވާނެއެވެ. އަދި ހަމައެގޮތަށް ސުޕްރީމް ކޯޓު މަރުހަލާގައިވެސް އިސްތިއުނާފް ކުރަން ވާނެ ކަމަށް އުސޫލުގައިވެއެވެ.
އެ އުސޫލުގައި ވާގޮތުން މަރުގެ ދިޔަ ދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ހާލަތްތަކުގައި މަރުގެ ދިޔަ ދިނުމަށް ކުށްވެރިޔާއަށް ފަނޑިޔާރު އަމުރު ކުރަންވާނެއެވެ. އަދި މަރަށް މަރު ހިފުމުގެ އަދަބު ޝަރީއަތުން ކަނޑަނާޅާ ހާލަތުގައި، ވާރިންސުންނަށް ދިޔައިން ހައްގުވާ މިންވަރު ލިބިދިނުމަށް ޝަރީއަތުން ކަނޑައަޅަން ވާނެއެވެ.
މަރުގެ ދިޔައިގެ ފައިސާ މަރުވި މީހާގެ ވާރިސުންނަށް ލިބިދިނުމަށްޓަކައި ސިވިލް ކޯޓަށް ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ކުއްވެރިޔާއަށް އަންގާނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.