ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާ ގާތަށް ހިނގައްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އިސްދޫ ބަނދަރު ތަރއްގީ ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ، އެ މަސައްކަތުގެ މިހާރު 90 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެގޮތުން ބަނދަރުގެ ވޯކްވޭ ބްރިޖްގެ ކޮންކްރީޓް މަސައްކަތްތައް ވަނީ އިއްޔެ ނިމިފައި ކަމަށާއި ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 72 ޕަސެންޓް ވެސް ވަނީ ނިމިފައި ކަަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 27,129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު 208 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ވެސް ހިމެނެއެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި، 1,560 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަޝްރޫއަކީ 34.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.