ހިޔާ ފްލެޓާއި ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ އިން މި ޕްރޮމޯޝަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ޕްރޮމޯޝަންގެ ދަށުން ތަފާތު ތިން ޕެކޭޖެއްގެ ތެރެއިން ތަކެތި ބަލައިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ފަނަރަ ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ތިން ޕެކޭޖްތަކަށް ނަން ދީފައި ވަނީ ރިހި، ރަން، އަދި ހުދު ރަނުގެ ނަމުންނެވެ. ޕްރޮމޯޝަން ނިމުމުން ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް ފައިސާގެ އިނާމާއި ތަކެތީގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާ، އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަށް ކަނޑައަޅާފައި ވަނީ 5،000 ރުފިޔާގެ ވޮއުޗަރރެއް ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. މި ވޮއުޗާގެ ބޭނުންކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ތަކެތި ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގަ ބައިވެރިވެވޭނީ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތަކެތި ނަގާ ފަރާތްތަކަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ބަލައިގަންނަ ތަކެތި ގެންގޮސް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފްލެޓް ލިބިފައިވާ ކަމުގެ ލިޔުން އަދި ފްލެޓް ލިބުނު ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހެއެވެ.