ދިރާގު ރޯދަ ޑޭޓާ ބަންޑަލް އިން ލިބުނު 313,235 ރުފިޔާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އަށް ހަދިޔާކޮށްފިއެވެ.

ދިރާގުން ބުނީ، ދިރާގުން މި އަހަރުގެ ރޯދަ މަހާއި ފިތްރު އީދަށް ހާއްސަކޮށްގެން ތައާރަފުކުރި ހާއްސަ ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކޮށްގެން ލިބުނު ފައިސާގެ 10 ޕަސެންޓް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް އިއްޔެ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އެއީ މި އަހަރުގެ ރޯދަ ޑޭޓާ ބަންޑަލް ތަކުން ލިބުނު 313,235 ރުފިޔާ ކަމަށް ދިރާގުން ބުނެއެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް ވިދާޅުވީ، ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އެ ސޮސައިޓީއަށް އެންމެ ކުރިންސުރެ ވެސް އެހީތެރިވަމުން އަންނަ އެއް ކުންފުނި ކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭ ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން އެހީ ލިބިފައިވާ ކަމަށާއި، ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަ ގުނަ ފައިދާއާއި ކުރިއެރުން ލިބުނު ކަމަށެވެ. އެހެންކަމުން އެ ސޮސައިޓީގެ ޕޭޝަންޓުންނާއި ބެލެނިވެރިންގެ ފަރާތުން ދިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން ވަނީ ފާއިތުވި އަހަރުތަކުގައި ވެސް އެކި ޖަމިއްޔާތަކަށް ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ 10 ޕަސެންޓް ހަދިޔާ ކޮށްފައެވެ. އޭގެތެރޭގައި ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ހިމެނެއެވެ.