ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރަސްމީ ގެކޮޅު ހަމަޖައްސަން މަޖިލީހުގެ ދެ ގާނޫނަކަށް ގެނައި ބަދަލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

މި ދެ ގާނޫނަށް އިސްލާހު ގެންނަން މި މަހުގެ 21 ވަނަ ދުވަހު ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާއިރު މިއަދު ރައީސ ތަސްދީގު ކުރުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ދައުލަތުގެ މައްޗަށް ލާޒިމުވާނެއެވެ.

އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ މްއެންޑީއެފުން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން އެމްއެންޑީއެފުއިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ގާނޫނުގައިވެއެވެ.

މަޖިލީހުގެ ރައީސް ގެ ވެސް ބޭފުޅުންނާއި މައިންބަފައިން އަދި އަނބި/ފިރިންނަށް ގެކޮޅުގައި ދިރިއުޅުއްވޭނެ ކަމަށާއި އުމުރުން 18 އަހަރު ނުވާ ބޭފުޅުންނާއި 18 އަހަރު ފުރުނު ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންނާއި ކައިވެނި ނުކުރައްވާ ބޭފުޅުންނަށް ވެސް ގެކޮޅުގައި އުޅުއްވޭނެ ކަމަށް އެ އިސްލާހުތަކުގައިވެއެވެ.

މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖައްސަން ނިންމާފައި މިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ.