ދެން އޮންނަ ޕްރެސްއެއްގައި މިއަދު ފުރުސަތު ނުލިބުނު ނޫސްވެރިންނަށް އިރާދަ ކުރެއްވިއްޔާ ފުރުސަތު ލިބޭނެ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު މިފަދައިން ވިދާޅުވީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުނުގައި ސުވާލުކުރުމުގެ ފުރުސަތު ބައެއް ނޫސް ތަކަށް ނުލިބުމުން އެކަމުގެ ޝަކުވާ އެ ނޫސްތަކުން ކުރަމުން ދާތީއެވެ.

ހޫދު އިތުރަށް ވިދާޅުވީ އުސޫލަކީ ވަގުތު އޮތް ވަރަކުން އެންމެންނަށް ވެސް ފުރުސަތު ދިނުމެވެ.

ރައީސް ސޯލިހު މި ފަހުން ބޭއްވެވި ޕްރެސް ތަކުގައި ބައިވެރިވާ ހުރިހާ މީޑިއާތަކަކަށް ފުރުސަތެއް ނުލިބެއެވެ. އަދި އެ ކަމުގައި ނޫސްތަކުން ކޮންމެ ފަހަރަކު އެ ޝަކުވާ ކުރި ނަމަވެސް، އެކަން އެނޫން ގޮތަކަށް ބަދަލެއްވެސް ނުކުރެއެވެ.

ނޫސް ކޮންފަރެންސްގައި ސުވާލު ކުރުމުގެ ފުރުސަތު ދެނީ، ނޫސް ކޮންފަރެންސަށް އެންމެ ފުރަތަމަ ވަދެތިބޭ ނޫސްތަކަކަށް ވެސް ނޫނެވެ. އަދި ފުރުސަތު ދެނީ ކުރިން ހޫދު ވިދާޅުވެފައި ވާ ގޮތަށް ހަމަ އެކަނި މެއިން ސްޓްރީމް މީޑިއާތަކަކަށްވެސް ނޫނެވެ.

ފުރުސަތު ދޭ އުސޫލެއް ސާފުކޮށް އެނގެން ނެތް އިރު އުސޫލެއް އެކުލަވާލެވޭނީ އުފައްދަން ގަސްދު ކުރާ "ޕްރެސް ކޯޕް" އެއްގެ ތެރެއިން ކަމަށާއި އެ މަޝްވަރާ ކުރައްވާފައި ވާ ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވެއެވެ. އޭނާ ވިދާޅުވީ އެކަމުގައި މަޝްވަރާ ކުރެއްވީ ބްރޯޑްކާސްޓިން ކޯޕަރޭޝަނާއި، މީޑިއާ ކައުންސިލާއި އެޑިޓާސް ގިލްޑާއި، އެމްޖޭއޭއާ ކަމަށެވެ.