ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ލެވަލް ދަށްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިން ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގެގައި ސިފައިންގެ ހަތް މީހަކު ހުރެއެވެ. ނަމަވެސް މިހާރު އެތަނުގައި ހުންނަނީ އެންމެ ސިފައިންގެ މީހެކެވެ.

އޭގެ އިތުރުން އީވާ ދިރިއުޅުއްވާ ހ. ސިސިލްހިޔާގެ ދޮރުމަތީގައި ވެސް މީގެ ކުރިން ހަތިޔާރާއެކު 2 ސިފައިން ހަރަކާތްތެރިވެއެވެ. ނަމަވެސް ރޭ މެންދަމުން ފެށިގެން ސިފައިން އެތަން ދޫކޮށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާއަށް ފަހު، ނަޝީދު އަދި އީވާގެ ގެކޮޅަށް ސެކިއުރިޓީ ދޭން ފެށިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

ޖަރުމަނުގައި ހުންނަވައިގެންވެސް އެމަނިކުފާނުގެ ހާލުކޮޅު ރައްޔިތުންނަށް ގެންދަވަނީ ހާމަ ކުރައްވަމުންނެވެ.