ސިލްސިލާ ގާތިލުންގެ ވާހަކައަކީ ދޭތެދޭތެރެއިން މީޑިއާގެ ސަމާލުކަން ހޯދާ ވާހަކަތަކެކެވެ. މިފަދަ ވާހަކަތައް ގިނައިން އައިސްފައި ހުންނަނީ ހުޅަނގުގެ ގައުމުތަކުންނެވެ. ނަމަވެސް މިފަހަރު، ސިލްސިލާ ގާތިލެއްގެ ވާހަކަ ފެންމަތިވެފައި މިވަނީ ކުވައިތުންނެވެ.

ހޯމަ ދުވަހަކީ ކުވައިތުގެ ފަޒާ ނާމާން ކަމުގެ ހިޔަނިން ބަނަކޮށްލި ދުވަހެކެވެ. އުމުރުން އެންމެ 19 އަހަރުގެ ޒުވާނަކު، ހިންގި 2 ޖަރީމާއަކާ ގުޅިގެންނެވެ. އެ ޒުވާނާ ވަނީ ފުލުސް އޮފިސަރަކަށް ތޫނު އެއްޗަކުން ހަމަލާދީ، މަރާލާފައެވެ. އޭނާގެ 2 ވަނަ ޝިކާރައަކަށް ވީ، ބަނޑުއަޅާ ވިހޭ މައިމީހާއެވެ.

ޒުވާނާގެ ޝިކާރައަކަށް އެންމެ ފުރަތަމަ ވި ފުލުސް މީހަކީ، އެ ޒުވާނާ، ޓްރެފިކް ގަވައިދާ ހިލާފު ވުމުން، އޭނާ ހުއްޓުވާ، ޖޫރިމަނާގެ ޗިޓް ހަވާލު ކުރަން އުޅުނު ފުލުސް އޮފިސަރެވެ. ފުލުސް އޮފިސަރު ޓިކެޓް ލިޔަމުން ދިޔަ ވަގުތު، އެ ޒުވާނާ، އެ އޮފިސަރަށް ތޫނު އެއްޗަކުން އެތައް ފަހަރަކު ހަމަލާ ދިނުމަށްފަހު، އެ ސަރަހައްދު ދޫކޮށް ދިޔައީއެވެ.

ހަމަ އެ ހެނދުނުގެ ވަގުތު، ކުވައިތުގެ މީޑިއާ ގުގުމާލީ، ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ދޮށީ އުމުރުގެ އަންހެނަކު މަރާލި ހަބަރުންނެވެ. އެ އަންހެން މީހާގެ ގާތިލަކީ އޭނާގެ ފިރިހެން ދަރިފުޅުކަންވެސް ހާމަ ކުރިއެވެ.

އަންހެން މީހާއާއި ފުލުސް އޮފިސަރުގެ ގާތިލަކީ، އެކަކުކަން އެނގުނީ ތަހުގީގުތަކުގެ ފަހުގެ މަރުހަލާއެއްގައެވެ. ނަމަވެސް، މައިމީހާ މަރާލި މަގުސަދެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ވަނީ އެހެން ސަރަހައްދެއްގައި އެ ޒުވާނާ ފިލާ އޮއްވާ، އަތުލައިގެންފައެވެ. ނަމަވެސް އެ ޒުވާނާވެސް މިހާރު ދުނިޔެއަކު ނެތެވެ. އެ ޒުވާނާ މަރުވީ، ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި ލިބުނު އަނިޔާގައި ކަމަށް ހަބަރު ލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ޒުވާނާއަކީ ކުވައިތުގައި ދިރިއުޅެމުން އަންނަ ސޫރިޔާގެ ރައްޔިތެއް ކަމަށްވާ އަހުމަދު ހަމަދު އަލް-އައްލޫޝްއެވެ.