މިއަދު ޖުމްލަ 155 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 28 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 70 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 31 މީހަކާއި ތަރައްގީ ކުރަމުންދާ ރަށަކުން 26 މީހެކެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 3883 އަށް ތިރިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 4075 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 73،482 އެވެ. މީހުންގެ ތެރެއިން 69،378 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 209 އަށް އަރާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މިހާރު މާލެ ސަރަހައްދުގައި ހިންގާ ކާފިއު ވަގުތު ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު ކާފިއު ހިންގާނީ ހަވީރު 6 އިން ފަތިހު 4 އަށެވެ.

މީގެ އިތުރުން ސެލޫންތައް ހުޅުވުމަށް ހުއްދަ ދޭން ނިންމި ގޮތަށް ހިދުމަތްދޭ ޕްލޭން ހުށަހަޅައިގެން ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ހުއްދަ ދެވޭ ޖިމްތައް ހުޅުވޭނީ ފަތިހު 5 އިން އިރުއޮއްސި 6 އަށެވެ.

އޭގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ހަމަޖެހުނު ނަމަވެސް މޮނިޓަރިންގެ ހާލަތުގައި ހުންނަ ރަށްރަށާއި ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި އަދިވެސް އަމަލު ކުރަމުން ދާނީ ކުރީގެ އުސޫލާ އެއްގޮތަށް ކަމަށެވެ.