ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ މައުލޫމާތުތައް ޝާއިއު ކުރުމާ ގުޅޭ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ލިބިދީފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެެއެވެ.
13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި މައުލޫމާތު ފެތުރިގޮތުން ޖެންޑާ މިނިސްޓްރީން ވަނީ ރާއްޖޭގެ މީޑިއާއެއް ޖޫރިމަނާ ކޮށްފައެވެ. އަދި އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން ޕީޖީ ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި މިއަދު އާންމު ކުރެއްވި އޯޑިއޯއެއްގައި ވިދާޅުވީ، ކުރިން އެގޮތަށް ކުއްޖާ އަކީ ކާކުކަން އެނގޭ ގޮތަށް ނޫސްތަކުގައި ކުޑަކުދިންގެ މައުލޫމާތު ޝާއިއު ކުރެވެނީ، އޭރު އެކަމަށް ހާއްސަ ގާނޫނެއް ނޯންނާތީ ކަމަށެވެ.
ނަމަވެސް، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިހާރު އަމަލު ކުރަމުންދާކަން ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވަނީ ކުޑަކުދިންގެ އަދްލުގެ ގާނޫނުގެ 15 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވާ ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރު ޝާއިއު ކުރުމުގައި ވަކި ފަރާތަކަށް ނުޖެހި ވަކި މިންގަނޑު ތަކަކަށް މީޑިއާތަކުން މައުލޫމާތު ހިއްސާ ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މަނާ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ މައުލޫމާތު ހާމަކުރާއިރު އެއްވެސް މީޑިއާއަކުން އެ ކުދިންގެ ވަނަވަރު އެނގޭނެ ގޮތަށް އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް ޝާއިއުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮންނަކަން ވެސް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ޖެންޑާ މިނިސްޓްރީން ހާއްސަ ގާނޫނަކަށް އަމަލު ކުރަން ޖެހޭތީ ހާއްސަ ހާލަތުގައި، އެ މިނިސްޓްރީން މީޑިއާ އަށް ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލު ކުރެވޭ ސަބަބުތައް އެބަހުރި ކަމަށެވެ.
ނަމަވެސް އަދަބު ދިނުމުގެ ބަދަލުގައި މި ކަންކަން ހައްލު ކުރެވޭނީ ހޭލުންތެރިކަން ފަތުރައިގެން ކަމަށާއި މިހާރަށް ވުރެ ބޮޑަށް ނޫސްވެރިން ސަމާލުކަން ދޭންޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، ރަހުމުކުޑަ ގޮތަކަަށް މަރާލާ އެއްލާލި ހާދިސާގެ ހަބަރާއި ރިޕޯޓުތައް ގެނެސްދިން ގޮތުން އަވަސް ޖޫރިމަނާ ކުރީ 2000 ރުފިޔާ އިންނެވެ. އަދި ތިން ނޫހަކަށް ނަސޭހަތް ދިން އިރު އެއީ ވަން އޮންލައިން އާ ވަގުތު އަދި އަދަދަށެވެ.