ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ އޭޝިއާގައި ހުންނެވި އެންމެ ތަޖުރިބާކާރު އަދި އެންމެ މޮޅު އެއް ފޮރިން މިނިސްޓަރުކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް އިން ހާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވަކިކޮށް ހާރިޖީ ހިދުމަތަކީ ވަކި ދާއިރާއަކަށް ހަދަން ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ރާއީ ވިދާޅުވީ މި ބިލަކީ ރާއްޖެއަށް ވަރަށް މުހިންމު ބިލެއް ކަމަށާ މި ބިލް ހުށަހެޅުން މާ ލަސްވެސް ވެއްޖެ ކަމަށެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު އޮތީ ވަރަށް ކުރީގައި ކަމަށާ، އޭގެ މާނައަކީ މުޅި ދުނިޔެއިންވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަަލައިގަންނަ ކަން ކަމަށް ރާއީ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ހިނގަމުންދަނީ މިއަދުގެ ސަރުކާރުން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާތީ ކަމަށާ އަދި ދުނިޔެއިންވެސް ރާއްޖޭގައި މިހާރު އޮތް ސަރުކާރު ބަލައިގަންނާތީ ކަމަށް ވެސް ރާއީ ވިދާޅުވެފައި ވެއެވެ.

މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ މުޅި އޭޝިއާގައިވެސް މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެންމެ މޮޅު އެއް ފޮރިން މިނިސްޓަރު. އެކަން އަޅުގަނޑުމެންނަށް މުޅި ދުނިޔޭގެ ގައުމުތަކުން ބަލައިގަންނަކަންވެސް ސާބިތުވެއްޖެ. އޭގެ ހެއްކެއް އަދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމުގަ މި ކުޑަކުޑަ ރާއްޖޭގެ ފޮރިން މިނިސްޓަރު ހުންނެވިކަން.
މުހައްމަދު ރާއީ

ރާއީ ވިދާޅުވީ ރާއްޖޭގެ ކުރިއެރުމުގަ ރާއްޖޭގެ ތަހުޒީބު ވުމުގަ އަދި އުމްރާނީ ތަރައްގީގައި ވެސް އެންމެ އެއް އިސްރޯލެއް އަދާކުރާ އެއް މިނިސްޓްރީ އަކީ ފޮރިން މިނިސްޓްރީކަމުގައެވެ. އަދި ރާއްޖޭގެ ދުވެލި ބާރު ސްޕީޑެއްގައި މިހާތަނަށް ގެންގޮސްދީފައި ހުރީވެސް ފޮރިން މިނިސްޓްރީގެ އެކި ގުޅުންތަކުގެ ތެރެއިން ކަން ރާއީ ފާހަގަކުރެއްވިއެވެ.

މިހާރު ބިލް ހުށަހަޅައިފައިވާ ގޮތަށް އެއްވެސް އުނި އިތުރުކަމެއް ނުގެނެސް މި ބިލު ފާސްވެގެން ދިޔުމަށް އެދޭ ކަމަށާ، މި ބިލް ހުށަހެޅުއްވީތީ ރާއީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ބިލް ގާނޫނަކަށް ވުމާއެކު ފޮރިން ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ސިވިލް ސާވިސް އިން ވަކިވާނެއެވެ.

ބިލުގެ މަގުސަދުގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަށް އެހީތެރިވާން ޕްރޮފެޝަނަލް ފޮރިން ސާވިސް އެއް ގާއިމު ކުރުމާ ރާއްޖޭގެ ސިޔާދަތަށް އިހުތިރާމްކުރުން އިތުރުކުރުމާ އެކު ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރަން ރައީސަށް އެހީތެރިވުމެވެ.

އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ހުނަރުވެރި އިލްމީ ފަރާތްތަކެއްގެ މައްޗަށް އެކުލެވޭ ފޮރިން ސާވިސް އެއް ގާއިމްކުރުމުގެ އިތުރުން ފޮރިން ސާވިސް އަށް މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ އުސޫލުތައް ބަޔާން ކުރުންވެސް އެ ބިލުގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ.