ސިވިލް ސާވިސް އިން ހާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވަކިކޮށް ހާރިޖީ ހިދުމަތަކީ ވަކި ދާއިރާއަކަށް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި ބަހުސް ކުރިޔަށް ގެންގޮސްފިއެވެ.
މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.
މި ބިލް ގާނޫނަކަށް ވުމާއެކު ފޮރިން ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ސިވިލް ސާވިސް އިން ވަކިވާނެއެވެ.
ބިލުގެ މަގުސަދުގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަށް އެހީތެރިވާން ޕްރޮފެޝަނަލް ފޮރިން ސާވިސް އެއް ގާއިމު ކުރުމާ ރާއްޖޭގެ ސިޔާދަތަށް އިހުތިރާމްކުރުން އިތުރުކުރުމާ އެކު ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރަން ރައީސަށް އެހީތެރިވުމެވެ.
އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ހުނަރުވެރި އިލްމީ ފަރާތްތަކެއްގެ މައްޗަށް އެކުލެވޭ ފޮރިން ސާވިސް އެއް ގާއިމްކުރުމުގެ އިތުރުން ފޮރިން ސާވިސް އަށް މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ އުސޫލުތައް ބަޔާން ކުރުންވެސް އެ ބިލުގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި މި ބިލަށް ތާއީދުކޮށް އެމްޑީޕީގެ ގިނަ މެންބަރުން ވާހަކަދައްކަވާފައިވާއިރު ބައެއް މެންބަރުން ވަނީ މި ބިލަށް ބައެއް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.