އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވަމުން އަންނަ ހަތިޔާރުއެޅި ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ، ސޫރިޔާއާއި އިރާގަށް އަމާޒުކޮށް، އެމެރިކާއިން ވައިގެ ހަމަލާ ދޭން ފަށައިފިއެވެ.

އެމެރިކާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަތިޔާރުއެޅި ހަނގުރާމަވެރި ހަރަކާތްތައް އޮޕަރޭޓް ކުރާ ފެސިލިޓީތަކާ، ހަތިޔާރު ރައްކާ ކުރާ ގުދަންތަކަށް ކަމަށެވެ. އަދި އެ ހަމަލާތަކަކީ، އެމެރިކާގެ ބާރުތަކާ ދެކޮޅަށް، ހަތިޔާރުއެޅި ހަނގުރާމަވެރިން ދިން ޑްރޯން ހަމަލާގެ ރައްދު ހަމަލާތަކެއް ކަމަށެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ބުނީ، އެމެރިކާގެ ފަރުދުން ހިމާޔަތް ކުރެއްވުމުގައި ފިޔަވަޅު އަޅުއްވާނެކަން، ރައީސް ޖޯ ބައިޑަން ވަރަށް ސާފުކޮށް ވިދާޅުވެފައި ވާ ކަމަށެވެ.

މިއީ މި އަހަރުގެ ކުރީކޮޅު، އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އީރާނުގެ ތާއީދު އޮންނަ ކަމަށް ބުނާ، ހަތިޔާރުއެޅި ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާ ދިނުމަށް ބައިޑަން އިޒުނަ ދެއްވި 2 ވަނަ ފަހަރެވެ.

ފާއިތުވީ މަސްތަކަށް ބަލާއިރު، އިރާގުގައި ގާއިމުވެ ތިބި އެމެރިކާގެ ބާރުތަކަށް، ސިލްސިލާ ގޮތެއްގައި ހަމަލާތައް އަމާޒުވެފައި ވެއެވެ. ޑްރޯން ހަމަލާތައް އަމާޒު ވެފައި ވާއިރު، އެކަމުގައި އީރާނުގެ ދައުރެއް އޮތް ކަމަށް ކުރާ ތުހުމަތުތަކަށް، އީރާނުން އިންކާރު ކުރެއެވެ.

ހައްދު ފަހަނަ އަޅާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާލާފައިވާ ކޯލިޝަންގެ މެންބަރެއްގެ ގޮތުގައި، އެމެރިކާގެ 2500 އެއްހާ ސިފައިން އިރާގުގައި އެބަ ތިބި ކަމަށް މައުލޫމާތު ލިބެއެވެ.