ދިވެހިންގެ ތެރޭގައި ތަފާތު ގިނަ ކާނާގެ ބާވަތްތައް ހަދަން ބޭނުން ކުރާ ތަރުކާރީއެއް ބޭނުން ކޮށްގެން ރޮށި ތައްޔާރު ކުރާނެ ރެސިޕީއެއް ހީޓްގެ ސީއީއޯ އަދި ފިޓްނަސް ނިއުޓްރިޝަން ކޯޗް އައިޝަތު ޝިފާނާ ކިޔައިދީފިއެވެ.

ޝިފާނާ ބުނީ، ބަރަބޯ ރޮށި ނުވަތަ ޕަމްޕްކިން ރޯޓީ އަކީ ދިވެހިން ކައި އުޅޭ އާދައިގެ ރޮށީގެ ބަދަލުގައި ބޭނުން ކުރަން ރަނގަޅު، ސިއްހަތަށް ވެސް ފައިދާ ހުރި ރޮއްޓެއް ކަަމަށެވެ. އެގޮތުން މި ރޮށި ތައްޔާރު ކުރަން ބޭނުންވާ ތަކެތި ވެސް ޝިފާނާ ވަނީ ހިއްސާ ކޮށްފައެވެ. އަދި މި ރޮއްޓަކީ ކުޅިމަސް، މަސްހުން ފަދަ މަހުގެ "ސައިޑް ޑިޝް" ތަކާ އެކީ ކާލަން މީރު ރޮއްޓެއް ކަމަށް ވެސް އޭނާ ބުނެއެވެ.

ބަރަބޯ ރޮށި ހަދަން ބޭނުންވާ ތަކެތި:

  • އާވިން މަޑުކޮށްފައި ހުރި ބަރަބޯ ކޮށާފައި
  • ހިކަނދި ފަތް (ބޭނުމިއްޔާ)
  • އާޓާ ފުށް
  • އޮލިވް އޮއިލް
  • ލޮނު

ބަރަބޯ ރޮށި ތައްޔާރު ކުރަން ފުރަތަމަ އާވިން މަޑުކޮށްފައި ހުރި ބަރަބޯތައް ޗިސްކޮށް ލުމަށް ފަހު އާޓާފުށާއި އޮލިވް އޮއިލް އާއި ލޮނުގެ އިތުރުން ހިކަނދިފަތް އެއްކޮށް ލާނީއެވެ. މިތަކެތި އެއްކުރަމުން ދާ އިރު މަދުމަދުން ފެން ބޭނުން ކޮށްގެން ރޮއްޓަށް ފުއްގަނޑު މޮޑޭހެން ރީތިކޮށް މޮޑެލާނީއެވެ. ފެން ބޭނުން ކުރާނީ ފުއްގަނޑު ދިޔާ ނުވާ ވަރަށް ބަލައިގެންނެވެ. ރަނގަޅަށް މޮޑެލުމަށް ފަހު ގުޅަ ހަދާ ރޮށި ދަމާހެން ކުޑަ ފުށްކޮޅެއް ލާފައި ރޮށި ދަމާެވެ. އަދި ރަނގަޅަށް ދެފުށް ފިހެލީމާ މި ރޮށި ތައްޔާރު ކޮށް ނިމުނީއެވެ.

މި ރޮށި ތައްޔާރު ކުރަން ބޭނުން ކުރި ހިކަނދިފަތް އެމީހަކު ބޭނުން ނޫނިއްޔާ ބޭނުން ނުކުރިއަސް ފުދޭނެއެވެ.

ބަރަބޮލަކީ ވިޓަމިން އޭ އަދި ވިޓަމިން ސީ ވަރަށް ގިނައިން އެކުލެވޭ ތަރުކާރީ އެކެވެ. މީގެ ސަބަބުން އުމުރުން ދުވަސްވާއިރު ލޮލުގެ ފެނުން ދަށްވުމުން ދުރުކޮށްދެއެވެ. ހަމައެއާއެކު ހަންގަނޑު އޮމާން ކޮށް ބެހެއްޓުމަށާއި ބަރުދަން ލުއި ކުރަން ބޭނުން ނަަމަ ބަރަބޮލަކީ ކާން ރަނގަޅު މޭވާއެކެވެ.

ހަމައެއާއެކު މި ރެސިޕީގައި ބޭނުން ކޮށްފައިވާ ހިކަނދި ފަތަކީ ބަރަބޮލެކޭ އެއްފަދައިން ހަށިގަނޑަށް ވަރަށް ފައިދާ ހުރި ފަތެކެވެ. ހަކުރު ބަލި ހުންނަ މީހުންނަށާއި ބަރުދަން ލުއިކުރާ ގިނަ ބަޔަކު މި ފަތް ބޭނުން ކުރެއެވެ. ހިކަނދި ފަތަކީ އާންމުކޮށް ދިވެހިން ކައްކާ އިރު ބޭނުން ކޮށް އުޅޭ ފަތެކެވެ.