މުޅި ދުނިޔެވެސް އެ އުފެއްދުމަކަށް އިންތިހާއަށް ޑިމާންޑް ކުރަމުން އަންނަ ކޮވިޑް ވެކްސިންގެ ޑޯޒްތައް ހޯދުމުގައި އަވަށްޓެރި ސްރީލަންކާއިން އަމަލު ކުރަމުން އަންނަ އުސޫލަށް، ވޯލްޑް ބޭންކުން ތައުރީފު ކޮށްފިއެވެ.

ސްރީލަންކާގެ ސްޓޭޓް ފާމަސޫޓިކަލް ކޯޕަރޭޝަން (އެސްޕީސީ) ގެ ޗެއާމަން، ޑރ ޕްރަސަންނާ ގުނަސޭނާ ވިދާޅުވީ، ވެކްސިން ހޯދުމުގައި ކޯޕަރޭޝަނުން ގެންގުޅޭ ދެފުށްފެންނަ އުސޫލާއި، ނިޒާމުގެ ސަބަބުން، ދެކުނު އެޝިއާ ސަރަހައްދުގައި، މި ރޮނގުން އެންމެ ކުރީގައި އޮތީ އެ ކުންފުނިކަން ވޯލްޑް ބޭންކުން ފާހަގަ ކޮށްފައި ވާ ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން، ވޯލްޑް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ކޮވިޑް ވެކްސިނަށް ފައިސާ ދެއްކުމުގެ ފުރުސަތުވެސް ސްރީލަންކާއަށް ތަނަވަސް ވެފައި ވާ ކަމަށް ޑރ ގުނަސޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކަނިވެސް ސްރީލަންކާއަށް، 17 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން އެތެރެވާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ޗައިނާގެ ސީނޯފާމް އަދި ސީނޯވެކް ކޮވިޑް ވެކްސިނާއި ރަޝިއާގެ ސްޕަޓްނިކް-5 ވެކްސިން ޑޯޒްތައް ހިމެނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަކީ ގިނަ ގައުމުތަކެއްގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތި ކުރުވި ބަލިމަޑުކަމަކަށް އޮތީ ވެފައެވެ. ވަކިން ހާއްސަކޮށް ސިއްހީ ދާއިރާ ތަރައްގީކޮށް، ބަލިމަޑުކަމަށް ބޭނުންވާ ޒަރޫރީ ތަކެތި، ވަގުތުން ވަގުތަށް ހޯދުމުގައިވެސް އެކި ފެންވަރުގައި ހިޔާނާތުގެ ބޮޑެތި ޖަރީމާތައް ހިންގިކަން ވަނީ ފަޅާ އަރާފައެވެ.

ސްރީލަންކާއިން މިހާރު އަމާޒު ހިފާފައި ވަނީ ސެޕްޓެމްބަރު މަސް ނިމޭއިރު، އެ ގައުމުގެ އާބާދީގެ 30 އަހަރުން މަތީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހާ ނިންމާލުމަށެވެ.

ޖޯންސް ހޮޕްކިންސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހުސްވި ހަފުތާ ނިމުނުއިރު، ސްރީލަންކާގެ އާބާދީގެ 3.98 ޕަސެންޓް މީހުންގެ ވަނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައެވެ.