ރާއްޖޭގައި ޖާނުން ފިދާވުމުގެ ހަަމަލާތަކެއް ދިނުމުގެ ބިރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވަނީ އެމްޑީޕީއަށް 16 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީ އިން ކްލަބް ހައުސްގައި "ހަރުގެ" ލޯންޗު ކުރެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިންނާއި ރާއްޖޭގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން އުޅެން ޖެހުން ކަމަށެވެ. އެގޮތުން އާ ޓެކްނޮލޮޖީއާއެކު ރައްކާތެރި ކަމަށް އާ ނުރައްކާތައް ހުށަހެޅެމުން އަންނަ ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ ކުރީގައި ހުޅު ޖެހުން އޮންނަ ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ މާލޭ މަޖީދީ މަގުގައި ބޮމެއް ގޮއްވާލުމަކީ އާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ އިތުރު އަނދިރި ނުރައްކާތައް މިހާރު ވެސް ސިފަ ކުރެއްވޭ ކަމަށާއި ޖާނުން ފިދާވުމުގެ ހަމަލާތަކެއް ވެސް ފެނުމަކީ ދުރު ކަމެއް ނޫން ކަމަށެވެ.

ޖާނުން ފިދާވާނެ ހަމަލާއެއް ފެނިދާނެ ކަމުގެ ބިރުވެރިކަން ވެސް މިހާރު އެބަ އޮތް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު 6 ގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

ޖަރުމަނުގައި ހުންނަވައިގެންވެސް އެމަނިކުފާނުގެ ހާލުކޮޅު ރައްޔިތުންނަށް ގެންދަވަނީ ހާމަ ކުރައްވަމުންނެވެ.