ނުދެއްކިވާ ޓެކްސް، އިންސްޓޯލްމަންޓް އުސޫލުން ދެއްކުމަށް ހަމަޖައްސާ، ޓެކުހާގުޅޭ ޖޫރިމަނާ ލުއިކޮށްދިނުމަށް މީރާއިން ނިންމާފިއެވެ.
މީރާއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ރިއާޔަތްކޮށް، ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، އިންސްޓޯލްމަންޓް އުސޫލުން މީރާއަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުއިފަސޭހަތަކެއް ދީފައިވާ ކަމަށެވެ.
އެގޮތުން، އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމާއި، އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށް މީރާއިން ބުނެއެވެ.
މީގެ ކުރިން ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ 50 ޕަސަންޓް ނަގަމުން ދިޔަނަމަވެސް އެ ޕަސަންޓް މިހާރު ވަނީ 5 ޕަސަންޓާ 10 ޕަސަންޓާ ދެމެދަށް ކުޑަ ކޮށްފައި ކަމަށް މީރާއިން ބުނެއެވެ. އަދި 2 މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އެ ލުއިތައް ހަމަޖައްސަާދޭނީ ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރީގެ ފަންތިއާ، އެފަރާތުގެ 2020 ވަނަ އަހަރުގެ އާމްދަނީއަށް ބަދަލުއައިސްފައިވާ މިންވަރަށް ރިއާޔަތްކޮށް ކަމަށް މީރާއިން ބުނެއެވެ.
މީރާއިން ބުނީ މިހާލަތުގައި ދޭ އިތުރު ލުޔެއްގެ ގޮތުން، އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމާ އަދި ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރިޝެޑިއުލްކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން، ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެފަރާތުން ނުދައްކާވާ ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން، ޓެކުހާ ގުޅޭގޮތުން ވެފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މީރާ އިން ބުނެއެވެ.
މީރާއިން ބުނީ އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރެންސް ދޫކުރުމުގައި ނުދައްކާވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން ޓެކްސް ކްލިއަރެންސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ލުއިތަކަކީ ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ ލުއިތަކެއް ކަމަށް މީރާއިން ބުނެއެވެ. އަދި މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހެން ވިޔަފާރިތަކަށްވުރެ އިތުރަށް ލުއިވާނޭ އުސޫލަކުން ކަމަށް މީރާއިން ބުނެއެވެ.