ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ބަޔާން ނަގައިފިއެވެ.

މަޖިލީހުން ކުރި ޓުވީޓެއްގައި ވަނީ 241 ކޮމިޓީއަށް މެންބަރު އިލްޔާސް ހާޒިކުރައްވާ ސުވާލު ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުކޮށްފައެވެ.

މިކަމާ ބެހޭ ގޮތުން ކުރެއްވި ޓުވީޓެއްގައި އިލްޔާސް ލަބީބް ވިދާޅުވީ މިދިޔަ ހަފުތާގައި 241 ކޮމިޓީގެ މަސައްކަތުން އެކަހެރިވެވަޑައިގެންފައިވާ ކަމަށާއި އެ ކޮމިޓީއަށް ބަޔާން ދީފައިވާ ކަމަށެވެ.

އިލްޔާސް ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރި އިރު މީގެ ކުރިން އިލްޔާސް ވަނީ ރައީސް ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އެންގެވި ކަމަށް ވިދާޅުވެފައެވެ.

އިލްޔާސް ލަބީބް ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމަށް އާންމު މީހެއްގެ ފަރާތުން މައުލޫމާތު ލިބުމާ އެކު، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަށް ދެއްވާފައިވާނެ ކަމުގައެވެ.