މިދާކަށް ދުވަހު ނޫހެއްގައި ލިޔެފައި އޮއްވައި ފެނުނު އެއްޗެކެވެ. ހުޅުމާލޭ ބީޗުގައި ކެފޭ ހަދާކަށް ދެން ޖާގަޔެއް ނުދެވޭނެޔޭ ކޮންމެވެސް ފަރާތަކުން ބުނި ވާހަކަ އެވެ. އަދި މިކަމާ އެކި މީހުން ދެކޭ ގޮތް، އެހެން ބުނި މަޒުމޫނުގެ ދަށުގައި، ކޮމެންޓުގެ ގޮތުގައި ލިޔެފައި ހުއްޓެވެ. ބައެއް މީހުން ބޭނުންވަނީ ކެފޭ ނުހުންނާށެވެ. އަނެއް ބަޔަކު ބޭނުންވަނީ ކެފޭ ކޮންމެހެން ވެސް ހުންނާށެވެ. ފަހުން މިބުނި މީހުންނަކީ އަނެއްކާވެސް އެތަނުގައި ވިޔަފާރި ފަށައި، އެތަނުން ބޮޑު ބައެއް އަމިއްލަ ބޭނުމަށް ވެރިކޮށްލަން ބޭނުންވާ ބައެއް ކަމަށް ފެނެއެވެ. ދޮންމަނިކަށް މިހެން ހީވާން ޖެހުނު ސަބަބު ފެންނަން އޮތީ މާލޭގައި މިހައިތަނަށް މިކަން ހިނގައިފައި އޮތް މާޒީއަށް ބަލައިލީމައެވެ.

އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަ އޮޑިދޯނިފަހަރާއި ބޯޓުފަހަރު ލަފައި ފުރަން މާލޭގެ ހުޅަނގު ދެކުުނުގައި ބަނދަރެއް ހަދައިފިއެވެ. އެ ބަނދަރަށް ހާބަރޭ ކިއެވެ. އަދި އެ ބަނދަރާ އިންވެގެން އެއްގަމުގައި އޮތް ހުސް ބިމުގައި ކުދި ފިހާރަތަކެއް ހަދަން ބޭނުންވާ މީހުން އެކަމަށް ކުރިމަތިލާން ހުޅުވައިލިއެވެ. އެއިރު ބުނަމުން ގެންދިޔައީ، އެއިރު ދޫކުރަމުން ގެންދިޔަ ކުދިކުދި ބިންކޮޅު ތަކަކީ އެތަންތަނުގައި ކުދި ފިހާރަ ހަދަން ކުޔަށް ދޫކުރާ ގޮޅިތަކެއް ކަމަށެވެ. މި ގޮތަށް ހެދޭ ކަޑަ ތަކުގައި ވިއްކޭނީ ދަތުރުވެރީންނަށާއި އެތަނަށް ދެންވެސް ދާ އެހެނިހެން މީހުންނަށް ބޭނުންވާ ލުއި ކާނާ ކަމަށެވެ.

އެތައް ބަޔަކު މިކަމަށް ކުރިމަތިލިއެވެ. ޝަރުތުތައް ހަމަވާ ކަމަށް ވެގެން، މިބުނި ކުލީ ނީލަން ކާމިޔާބު ކުރި މީހުންގެ ތެރޭގައި ގިނައީ އެ ދުވަސްވަރު ބާރުގަދަ ބައެއް މީހުންނާ ތިމާގެ ކަމުގެ ގުޅުމާއި ވިޔަފާރީގެ ގުޅުންތައް ހުރި މީހުންނެކޭ ދޮންމަނިކު ބުނާކަށް ނެތީމެވެ. ނޭނގޭތީއެވެ.

ކޮންމެއަކަސް، ބިން ދޫކޮށްފިއެވެ. ކުޑަ ކުއްޔަކަށް ސަރުކާރުން ތަންތަން ކޮޅު ނެގި މީހުން، ހަަމަ އެ ތަންތަން އެހެން މީހުންނަށް އެޔަށް ވުރެ ބޮޑު ކުލީގައި ދިން އުސޫލަކަށްވެސް ދޮންމަނިކެއް ނުބަލާނަމެވެ. ދޮންމަނިކަށް ފެނުނު ތަނަކީ އެ ތަންތަނުގައި ވަރަށް އާދައިގެ ގޮތަކަށް ކުދި ކަޑަތަކެއް ހެދި ތަނެވެ. އަދި އެ ތަންތަނުގައި ހިކި ކާނާއާއި ލުއި ކާނާވެސް ވިއްކަން ފެށިތަނެވެ. އިއުލާނުގައި އޮތް ގޮތަށެވެ.

މާލޭގެ ހުޅަނގު ހާބަރުގައި މިހާރު ހިންގާ ފުޑް ކޯޓްތައް

އަހަރެއް ދެ އަހަރެއް ފަހެވެ. ލުއި ކާނާ ވިއްކަން ދިން ތަންތަނުގައި ސަޔާއި ކޮފީ ވިއްކަން ފަށައިފިއެވެ. އަދި އެ ފަދަ ބުއިންތައް ގަންނަން ދާ މީހުން ވަގުތީ ގޮތުން އިށީނދެލަން ބޭނުންވާތީ، ކަޑަ ތަކުގެ ބޭރުގައި ގޮނޑިއެއް ދެ ގޮނޑިއެއް ބަހައްޓައިލުން އެއީ އާދަޔަކަށް ވެއްޖެއެވެ. އެ ކަން މައްސަލަޔަކަށްވެސް ނުވިއެވެ. އެއް ގޮނޑި ދެ ގޮނޑި ފަސް ހަތަރު ގޮނޑިޔަށްވެ، އެ ގޮނޑިތަކުގެ ކައިރީގައި މޭޒު ބެހެއްޓިއްޖެއެވެ. އެއީ ވިޔަފާރި ހުޅުވިފައި ހުންނަ ގަޑީގައި އެތާނގައި ދާއިމީކޮށް ހުންނަ އެއްޗެއްސަށްވެސް ވެއްޖެއެވެ. ކުރީގައި ކަޑަ ތަކުގެ ބޭރުގައި އޭގެ ކުރީން ސައިކަލު ޕާކު ކުރެވުނަސް، ފަހުން އެތާ ބަހައްޓާ ސައިކަލު ދުރަށް އެއްލައިލެވެން ފަށައިފިއެވެ.

ބާރުގަދަ، އަޑުގަދަ، ދެތިން ކަޑަޔަކުން މި ކަން ފެށީމައި، ދެން ހުރި ކަޑަތަކުންވެސް މިކަން ފަށައިފިއެވެ. އެއީވެސް މައްސަލަޔަކަށް ނުވިއެވެ. އިސާހިތަކު، ކަޑަ ތަކުގެ ބޭރުން ހިފި ޖާގަޔަށް ކަސްޓަމަރުން ނޫން ބަޔަކު ވަދެ ތިބިއްޔާ، އެ މީހުން ދުރަށް ލައި، އަލަށް ލިބުނު ނުވަތަ ހޯދައިގަތް ”އޯޕަންއެއާ ޑައިނިން އޭރިޔާ“ ތައް ގަސްމުށި ޖަހައި ވަކިކޮށްލައިފިއެވެ. ލުއިކާނާ ވިއްކަން ހުޅުވި ތަންތާނގައި ނާސިގޮރެންގާއި ފުރައިޑް ރައިސް ހަދައިގެން ”ސާވް“ ކުރަން ފަށައިފިއެވެ. ދެން ފެނުނީ ގަސްމުށިން ވަކިކޮށްލި އިންތައް ބިތްގަނޑު ޖަހައި ވަކި ކުރަން ފެށިތަނެވެ. ވަކި ހިސާބަކަށް ދިޔައިރު، ދަތުރުވެރިޔަކު ލުއިކާނާ ކޮޅެއް ބޭނުންވެއްޖިއްޔާ ދާން ޖެހުނީ ގަމު ތެރެޔަށެވެ. ފުރަތަމަ ކުއްޔަށް ދިން ސަތޭކައެއްހައި އަކަފޫޓުން ފެށި ތަންތަނުގައި ވިޔަފާރި ކުރަން ފެށި ފަރާތްތަކުން އޭގެ ތިން ހަތަރު ގުނަ ހިފި އިރު އެއްޗެއް ބުނާނެ މީހަކު ނެތެވެ. ކުއްޔަށް ބަދަލެއް އައިހެނެއް ހީއެއް ނުވެއެވެ. އެއީ އެކަމަކު ހީއެކެވެ. އެކަމަކު ކަޑަތައް ރެސްޓޯރަންޓުތަކަށް ބަދަލުވުން އެއީ އަހަރުމެންގެ ކުރިމަތީގައި ހިނގި ކަމެކެވެ. އެކަމަކު އެ ހަނދާން މިހާރު ނައްތައިލަން ބޭނުންވާނެ މީހުން ތިބޭނެއެވެ.

ގާޑިޔާތަށް ކައިރީ ޖަހައިފައިވާ މޭޒުތަށް ކައިރީ މީހުން އިށީނދެގެން ތިއްބާ / ފައިލް ފޮޓޯ: ސޯޝަލް މީޑިއާ

ދެން އެހެން ދިމާޔަކަށް ބަލައިލަމާހެވެ؟ މާލޭގެ ދެކުނު ފަރާތު ބޮޑުމަގުގެ އަރިމަތީގައި ގާޑިޔާ ބަހައްޓައިގެން ކުރުނބާ ކަހަލަ އެއްޗެހި ބަހައްޓަންވެސް ހަމަ ކުރިން މި ބުނި ކަހަލަ ”ޕުރޮސެސް“ އެއްގެ ތެރެއިން ބަޔަކަށް ޖާގަ ލިބުނެވެ. އެ ތާނގައިވެސް ފުރަތަމަ ހުރީ ފުރޮޅުލައިފައި ހުރި ހަގީގީ ގާޑިޔަލެވެ. ދުވަސްކޮޅަކު އެހެން އޮތުމަށް ފަހު، ދެން ފެނުނީ އެ ގާޑިޔާތަކުގައި އެ ހުރި ފުރޮޅަކީ ޕެންގުއިން ދޫނީގެ ފިޔަ ކަހަލަ، އުދުހެން ބޭނުން ނުކުރާ އެއްޗަކަށް ބަދަލުވެގެން ދިޔަ ތަނެވެ. ގާޑިޔާ ތަކުގެ ވަށައިގެން ހަމަ އެއްކަލަ ގޮތަށް ވަގުތީ ގޮނޑި ބަހައްޓައި، ވަގުތީ ގޮނޑި ދާއިމީވެ، ބައެއް ގޮނޑި ކައިރިޔަށް ކުދި މޭޒު އައިސް، ގާޑިޔާ ތަކުގެ ”މެނޫ“ ތަހުޒީބު ވެގެން ދިޔަ ތަނެވެ. ގާޑިޔާ ތަކުގެ ވަށައިގެން އޮތް ދުވާރާއި މަގުން ބައެއްވެސް ބައެއް ގާޑިޔާތަކުން ހިސޯރު ކުރި ތަނެވެ. އެއިން ގާޑިޔަލެއްގެ ސަރަހައްދު ކަމަށް ގާޑިޔާލާ ހަވާލުވެގެން ތިބޭ ބިދޭސީންނަށް ހީވާ ހިސާބު ތޮށިގަނޑު މަތީގައި މީހަކު އިށީނަސް، ”އޯޑަރު ކުރަނީ، އޯޑަރު ނެތީ ކަލޭ ދަނީ!“ ގެ ހަރުކަށި އަމުރު އަންނަން ފެށިތަނެވެ. ގާޑިޔާތައް ކައިރީގައި ރީތިކޮށް ކުރަހައި ދައްކައިފައި ހުރި ޕާކިން ޒޯނުގައި މީހަކު ސައިކަލެއް ބެހެއްޓިޔަސް ”ބޭބޭ، ކަލޭ ސައިކަލު މިތާ ބަހައްޓާ ނެތީ، ސާމާނު ލޯރި އަންނަނީ ތި ޖާގަ، ދެން ބާއްވަނީ“ އޭ އެންގުނު ތަނެވެ. ދެންވެސް ސައިކަލު ބަހައްޓައިފައި ދުރަށް ޖެހިލައިފިއްޔާ، ސައިކަލު ދަމައި ދުރަށް ލާން ފެށިތަނެވެ. އެތަންވެސް ފެނުނު މީހުންނާއި، ދުށް މީހުންނާއި، ދެކެމެ، މިހާރު ހަނދާން ނެތިއްޖެޔޭ ބުނާނެ މީހުން ތިބޭނެއެވެ.

ދެން ދައްކަން އޮތީ ހުޅުމާލޭ ބީޗުގެ ވާހަކައެވެ. އެތާނގައި ކެފޭ ހަދަން ފެށީ، ގަމުތެރޭން ކޮންމެވެސް ބަޔަކު ވިއްކާ ސަޔާއި ކޮފީ ބޯލަން ވަގުތީ ގޮތުން ނެރެލާ ދެތިން ގޮނޑިޔަކާއި މޭޒުންނޭ ބަޔަކު ބުނެއެވެ. އިސާހިތަކު ވަގުތީ ދާއިމީވެ، ހަމައެއްކަލަ ގޮތަށް ސަރަހައްދު ހިފައި، ކަސްޓަމަރުން ނޫން ބަޔަކު މިތާ ތިބެގެން ނުވާނެޔޭ ބުނަން ފަށައިފިއެވެ. ގަސްމުށިންނާއި އެޔަށްވުރެ ވަރުގަދަ އެއްޗެހިން އިން ވަކިކޮށް، ތަންދޫރީ ކުކުޅާއި، ކުލަބު ސޭންޑުވިޗާއި، ހައްޓަށް ރަނގަޅު ފުރައިޑު ނޫޑުލިސް ވެސް އެތަންތަނުގެ ބަދިގޭގައި ހަދައިގެން ކަސްޓަމަރުންނަށް ”ސާވް“ ކުރަން ފަށައިފިއެވެ.

އެ ހިސާބުން ހާބަރު ކަޑަތަކަށްވުރެވެސް މިތަންތަން ފުރިހަމަ ވެގެން ދިޔައެވެ. ފުރިހަމަ ވީ ވަރަކީ، އެއް ދުވަހު ހަވީރު ދޮންމަނިކު ދޮންމަނިކުގެ އަންހެނުންނާއި ކުޑަ ތިން ފިރިހެން ކުދިންނާ އެކީ އެތަނުން ކެފޭ އަކާ ދިމާޔަށް މޫދަށް އެރި އުޅެނިކޮށް އެއްގަމުގައި ހުރި ބިދޭސީޔަކު ދޮންމަނިކަށް ހަނާ އަޅައިގެން ގެންގޮސް އެއްގަމަށް އަރުވައިފިއެވެ. ބޮޑު ކަމެއް ވީތޯ އަހައިލީމާ އޭނާ ބުނީ އަހަރުމެން އެތަނަށް މޫދަށް އެރި، ކުޑަ ކުދީން ސަކަރާތް ޖަހައި އަޑުގަދަ ކުރާތީ އެ މީހުންގެ ކަސްޓަމަރުންނަށް ދަތިވާ ކަމަށެވެ. އަދި އަހަރުމެން ހަމަ ވަގުތުން މޫދުން އަރައިގެން އެތަނުން ދުރަށް ދާންވެސް އޭނާ ވަރަށް އަމުރުވެރި ރާގަކަށް ދޮންމަނިކަށް އެންގިއެވެ. މިތަންވެސް ދުށް މީހުންނާއި، ދެކެން ބޭނުން ނުވާނެ މީހުން ތިބޭނެއެވެ. ހަދާނުން ކަހައިލަން ކޮންމެހެން ބޭނުންވާނެ މީހުންވެސް ތިބޭނެއެވެ.

ހުޅުމާލެ އިރުމަތީފަރާތު ގެސްޓްހައުސްތަކާއި ބީޗް ކެފެޓޭރިއާތައް / ފޮޓޯ: އެފްބީ

ނޫނެކެވެ! ނޫނެކެވެ! ހުޅުމާލޭ ބީޗަކީ ވަކި މީހެއްގެ ނުވަތަ ބައެއްގެ ތަނެއް ނޫނެވެ. އެއީ އެންމެންގެ ތަނެކެވެ. ވަކި ބަޔަކަށް ދީގެން، ދޭ ތަންކޮޅުން ބޭރަށް ކޮންމެ މަހަކު ސަތޭކައެއްހާ އަކަފޫޓު ”އެންކުރޯޗު“ ކުރަން އޮތް ތަނެއް ނޫނެވެ. މިއީ ދޮންމަނިކު ކަހަލަ އާދައިގެ ދިވެހި ރައްޔިތަކަށް ފެންނަ ގޮތެވެ. އާދައިގެ ދިވެއްސެއްގެ ރައުޔެވެ. މި އެދުމަށް ސަމާލުކަން ދެއްވާނެ ބާރުވެރި ބޭފުޅުން ތިއްބެވިއްޔާ އެއީ އެ ބޭފުޅުންނަށް ދޮންމަނިކު ވަރަށް ކަމޭހިތާނެ ކަމެކެވެ. ދިވެހީން ދިރިއުޅޭ ރަށްރަށުގައި ދިވެހީންގެ ވެށީގައި ފަތުރުވެރީން ތިބެން ހެދި ގެސްޓްހައުސް ތަކާއި، އެޔާ ވިދިގެން އައި، ދިވެހީން ވަނުން މަނާ ”ގެސްޓުބީޗު“ ތަކުގެ ވާހަކަ ދޮންމަނިކަށް ދެއްކޭކަށް ނެތެވެ. ދޮންމަނިކުގެ ގެސްޓުހައުސް އެއް، އަދި އެކަމުގެ ތަޖުރިބާއެއްވެސް އަދި ނެތް ވިއްޔާއެވެ.