ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ޖަރުމަނުވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސް މއ. ވުއަލްފްގޮންގް ޝުއައިބުލައާ ބައްދަލުކުރައްވާފިއެވެ.

މިހާރު ޖަރުމަނުގައި ހުންނެވި ރައީސް ނަޝީދު އިއްޔެ ބޭއްވި މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދެއްކެވި ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.

އޭގެ އިތުރުން، ޖަރުމަނުވިލާތުގެ އިންސްޓިޓިއުޓެއް ކަމަށްވާ ޕްލޭންކް ފައުންޑޭޝަން ފޯ އިންޓަނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާ، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކުރައްވާ ނަޝީދު އެކަމަށް ޝުކުރުއަދާ ކުރެއްވި ކަމަށް ވެސް މަޖިލީހުން ބުނެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު 6 ގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

ޖަރުމަނުގައި ހުންނަވައިގެންވެސް އެމަނިކުފާނުގެ ހާލުކޮޅު ރައްޔިތުންނަށް ގެންދަވަނީ ހާމަ ކުރައްވަމުންނެވެ.