އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، ރަހުމުކުޑަ ގޮތަކަަށް މަރާލާ އެއްލާލި ހާދިސާގެ ހަބަރާއި ރިޕޯޓުތައް ގެނެސްދިން ގޮތުން ކަމަށް ބުނެ ޖެންޑާ މިނިސްޓްރީން އެއް މީޑިއާ ޖޫރިމަނާ ކޮށް 3 މީޑިއާއަކަށް ނަސޭހަތް ދީފިއެވެ. މީގެ ތެރެއިން އަވަސް ޖޫރިމަނާ ކުރީ 2000 ރުފިޔާ އިން ނެވެ.
ޖެންޑާއިން ޖޫރިމަނާ ކުރީ އަވަސް ނޫހެވެ. އަދި ނަސޭހަތް ދިނީ، ވަން އޮންލައިންއާއި ވަގުތާއި އަދަދަށެވެ. ޖެންޑާއިން އެކަން ކުރީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ 33 ވަނަ މާއްދާ އާއި 53 ވަނަ މާއްދާއާ ހަވާލާދީއެވެ.
33 ވަނަ މާއްދާ:
- (ހ) ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެއެވެ.
- (ށ) ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެއެވެ.
- (ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުއްޖާގެ މަސްލަހަތަށްޓަކައި، ހުއްދަކުރެވިގެންވާ ހާލަތްތަކެއްގައި އަދި ލިޔުމުން ރެކޯޑުކުރެވޭ ސަބަބުތަކަށްޓަކައި، ޝަރުއީ ކޯޓަކުން ނުވަތަ ޗިލްޑްރެންސް އޮމްބަޑްސްޕާސަން ހުއްދަކުރާ މިންވަރެއް އާންމުކުރެވިދާނެއެވެ.
53 ވަނަ މާއްދާ:
- ޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަ ދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ މަނާކަމެކެވެ. މިފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފި ނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާ ކުރުން ނުވަތަ އާންމުންނަށް ހިދުމަތެއް ދިނުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތެއްނަމަ، ލައިސަންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެއެވެ.
ޖެންޑާގެ ނިންމުމާ ގުޅިގެން މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މީޑިއާގައި ޝާއިއުކުރާ ލިޔުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިހްތިސާސް ލިބިގެން ވަނީ އެ ކައުންސިލަށް ކަމަށެވެ. އަދި އެ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާ ކުރުމަކީ، ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެހެންކަމުން އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އެމައްސަލަ އާ ގުޅިގެން ނުސްވެރިންގެ ޖަމްއިއްޔާ، މޯލްޑިވް ޖާނަލިސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވެސް ވަނީ ޖެންޑާގެ އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
އެމްޖޭއޭއިން ބުނީ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަ ނުކޮށް އަދި ތަހުގީގެއް ކުރުމަކާ ނުލާ، ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ދިނުމެއް ނެތި މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެ ޖަމިއްޔާއިން ބަލައިގަންނަ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ކަނޑައެޅިގެން ފުށުއަރާ، އަދި ދުނިޔޭގައި މިފަދަ މައްސަލަތަކުގައި އަމަލުކުރެވޭ "ބެސްޓް ޕްރެކްޓިސް" ގެ އުސޫލުތަކާވެސް ހިލާފުވާ ކަމެއް ކަމަށެވެ.