މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓާ ބެލެހެއްޓުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރަކު ވޯޓެއް ނުދެވިއެވެ.

ޝަރީފް މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާ އެކަމުގެ ވިޔަފާރި ކޮށް ކައި ބޮއެ ހެދުމުގެ އިތުރުން މިސްކިތްތަކުގައި ހަޑިހުތުރުބަހުން މުއާމަލާތްކޮށް މާރާމާރި ހިންގާފައިވާ ވަގުތެއްގައެވެ.

މި މައްސަލަ މަޖިލީހުގައި ބަހުސްކުރަން ފެންނަ ނުފެންނަ ވޯޓް ނެގިއިރު މަޖިލީހުގެ 31 މެންބަރަކު ވަނީ މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ. އަދި ނުފެންނަކަމަށް 2 މެންބަރަކު ވޯޓް ދެއްވާފައި ވާއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކުވެސް އިންނެވިއެވެ.

މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ. އަދި ވަކި ގޮތަކަށް ވޯޓް ނުދެއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު އަދި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ ކޮވިޑާ ގުޅިގެން ބައެއް މިސްކިތްތައް ބަންދުކޮށްފައި ވަނިކޮށް ބައެއް ފަރާތްތަކުން މިސްކިތުގެ ގަދަރާއި ހުރުމަތް ކެނޑޭފަދަ ވިޔާނުދާ ދީނާ ހިލާފު އަމަލުތައް ހިންގަމުން ދާކަމަށެވެ. އަދި މިސްކިތުގައި މަސްތުވާތަކެތި ވިއްކުމާ އެތަކެތި ބޭނުން ކުރުމުގެ އިތުރުން އެފަދަ ފަރާތްތަކުން މިސްކިތުގައި ނިދުމާއި ފެންވެރުމާއި ކައިބޮއެ ހެދުމުގެ ކަންކަން ކުރަމުންދާ ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

މިފަދަ ކަންކަމަކީ އިސްލާމީ މުޖުތަމައުއެއްގައި އެއްވެސް ގޮތަކަށް ހިނގިޔަދީގެން ވާނެ ކަންކަމަށް ނުވާތީއާ އެފަދަ ކަންކަމަކީ އިސްލާމީ ރިވެތި އުސޫލު ނެތިކޮށްލާފަދަ ކަމެއްކަމަށްވެސް ކުއްލި މައްސަލައިގައި ޝަރީފް ފާހަގަ ކުރައްވާފައި ވެއެވެ. އަދި މިސްކިތްތަކަކީ ބިންމަތީގައި ހުރުމަތްތެރިވެގެން ވާ ގަދަރު އުފުލިގެންވާ ތަންތަންކަމަށް ވީ ހިނދު މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓާ އެތަނުގެ ރައްކާތެރިކަން އިތުރުކޮށް މިހާރަށް ވުރެ ހަރުދަނާކޮށް މިސްކިތްތައް ބެލެހެއްޓުމަށް ވެސް ޝަރީފް ވަނީ ގޮވާލާފައެވެ.