ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭސްސީ) އިން ތަހުގީގު ކުރަން ނިންނަމައިފިއެވެ.

ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއް ބަންދުން ދޫކޮށްލުމަށް ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެމައްސަލަ އިސްތިއުނާފް ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން ކަނޑައެޅި ގޮތުގެމަތިން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ބަންދު މުރާޖާކޮށް ދިނުމަށް ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން، އެ ހުށަހެޅުން ބަލައިނުގަނެ އެކި ފަހަރު މަތިން އެދުމުންވެސް އެ ހުށަހެޅުމާމެދު ގޮތެއް ނިންމާފައި ނުވެއެވެ.

ނާފިސްގެ ސޫލުކީ މައްސަލައެއް ބަލަން ނިންމީ، އެކި ފަހަރުމަތިން ޕީޖީން އެ މައްސަލަ މުރާޖާ ކުރަން އެދިފައިވީ ނަމަވެސް އެ މައްސަލަ ކޯޓުން ބަލައިގެންފައި ނުވާތީ އާއި އެ މައްސަލައާ ގުޅިގެން ނަފީސް އަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން މައްސަލައެއް ހުށަހެޅުމުން ކަމަށް ޖޭއެސްސީން ބުނެއެވެ. އެގޮތުން އިއްޔެ ޖޭއެސްސީގައި ބޭއްވި އެ ކޮމިޝަންގެ މިއަހަރުގެ 49 ވަނަ ބައްދަލުވުމުގައި ވަނީ ނަފީސްގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައި ކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި މި މައްސަލަ ބެލުމަށް ވަނީ ކޮމިޓީއެއްވެސް އެކުލަވާލާފައި ކަމަށް ޖޭއެސްސީން ބުނެއެވެ.

މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުންދާނެ ކަމަށެވެ.