ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީހަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ލިޔުންތެރިޔާ އަދި ޅެންވެރިޔާ މުހައްމަދު ނަސީރު (މާޅޮހު ނަސީރު) ނިޔާވެއްޖެއެވެ.

ނަސީރު ނިޔާވީ ރޭ މެންދަމު 1:30 ހާއިރެވެ. ނަސީރުގެ ޖަނާޒާ ވަނީ މިއަދު ހެނދުނު 7:00 ގައި އާސަހަރާގައި ބާއްވާފައެވެ.

އޭނާ ވަނީ ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވާފައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ފުއްޕާމެއަށް ލިބުނު ގެއްލުންތަކަށް އައިޖީއެމްއެޗްގައި އޭނާ ވަނީ ފަރުވާ ހޯއްދަވާފައެވެ.

މަރްހޫމް ނަސީރު ވަނީ އއ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި މާޅޮހު ކަތީބުކަން ކުރައްވާފައެވެ. ހަމައެއާއެކު ނަސީރު ވަނީ ތާރީހީ ވަރަށް ގިނަ ލިޔުންތައް ލިޔުއްވާ، އަދަބީ ވަރަށް ގިނަ މަސައްކަތްތައް ވެސް ކުރައްވާފައެވެ. ޅެންވެރި ކަމާއި ވާހަަކަ ލިޔުއްވުމުގައި ގިނަ މަސައްކަތްތަކެއް ނަސީރު ވަނީ ކުރައްވާފައެވެ. ހަމައެއާއެކު އުރުދޫ ބަހާއި އަރަބި ބަހާއި އިނގިރޭސި ބަސްތަކުގެ ތަރުޖަމާ ހިމެނޭ ދިވެހި ރަދީފް ފޮތެއް ވެސް ނަސީރު ވަނީ ނެރުއްވާފައެވެ.

ނަސީރު ނިޔާވި އިރު އަނބިކަނބަލުންނާއި ތިން އަންހެން ދަރިންގެ އިތުރުން، ހަތް ކާފަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.