މަޝްހޫރު އެންޓިވައިރަސް ސޮފްޓްވެއާ "މެކެފީ"ގެ ފަންނުވެރި ވިޔަފާރިވެރިޔާ، ޖޯން މެކެފީ، އޭނާ ދުވަސްތައް ގުނަމުން ދިޔަ ބާސެލޯނާގެ ޖަލު ގޮޅީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ގޮޅި ތެރޭގައި މެކެފީ މަރުވެފައި އޮއްވާ ފެނުނިފައި މިވަނީ، ޓެކުހަށް މަކަރު ހެދި ކަމުގެ ކުށުގައި އެމެރިކާއިން ބަލާ މައްސަލައަކާ ގުޅިގެން، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކާ އޭނާ ހަވާލު ކުރުމަށް، ސްޕްއިންގެ ކޯޓުން އެއްބަސްވިތާ މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައެވެ.

ކެޓަލާން ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ، މެކަފީއަށް ފަރުވާ ދީގެން އަލުން ހިތް ހިންގުވޭތޯ ޖަލުގެ މެޑިކަލް ޓީމުން މަސައްކަތް ކުރި ކަމަށާ، ނަމަވެސް އެކަން ކާމިޔާބު ނުވީ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ ހުރިހާ މައުލޫމާތަކަށް ބަލާއިރު، މިއީ އަމިއްލައަށް މަރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށްވެސް އެ ޑިޕާޓްމަންޓުން އާންމު ކުރި ބަޔާނުގައި ވެއެވެ.

މެކެފީ ވައިރަސްކޭން ވެގެން ދިޔައީ، ކޮމްޕިއުޓަރުގެ ދުނިޔެއިން، އެތައް ބިލިއަން ޑޮލަރެއްގެ ސިނާއަތަކަށް މަގު ކޮށާލަދިން އުފެއްދުމަކަށެވެ. އޭގެ ފަހުން، 7.6 ބިލިއަން ޑޮލަރަށް، އިންޓެލްއަށް މެކެފީ ވިއްކާލިއެވެ.

ތަފާތު އެކި މަސައްކަތްތަކުން އޭނާއަށް ލިބުނު އާމްދަނީއިން ޓެކުހަށް އޮޅުވާލައިގެން އުޅޭތާ 4 އަހަރު ވެފައި ވާ ކަމުގެ ކުށުގެ ތުހުމަތުގައި، ސްޕެއިން އިން މެކެފީ ހައްޔަރު ކުރީ އޮކްޓޯބަރު 2020 ގައި، ތުރުކީއަށް ފުރަން އުޅުމުގެ ތެރޭގައެވެ. ކޮންސަލްޓަންސީ މަސައްކަތާ، ކްރިޕްޓޯކަރަންސީގެ އިތުރުން، ހަޔާތުގެ ވާހަކަ ވިއްކައިގެން މެކެފީ އެތައް މިލިއަން ޑޮލަރެއް ހޯދަމުން ދިޔަ ކަމަށްވެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ، މެކެފީ ޓެކުހަށް މަކަރު ހަދާފައި ވަނީ، އޭނާއަށް ލިބޭ އާމްދަނީ، އެހެން މީހުންގެ ނަންނަމުގައި ހުޅުވާފައި ވާ ބޭންކު އެކައުންޓްތަކާ، ކްރިޕްޓޯކަރަންސީ އެކްސްޗޭންޖު އެކައުންޓްތަކަށް ޖަމާކޮށްގެން ކަމަށެވެ. މީގެ އިތުރުން ޔޮޓާއި ރިއަލް އެސްޓޭޓް ފަދަ ހަރު މުދާވެސް އެހެން މީސްމީހުންގެ ނަންމަތީ ރަޖިސްޓްރީކޮށްގެން އެސެޓް ފޮރުވުމުގެ ޖަރީމާވެސް މެކެފީ ހިންގާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

މެކެފީގެ މައްޗަށް ޝަރިއަތް ހިންގަން އޭނާ އެމެރިކާއަށް ފޮނުވާލުމަށް ސްޕެއިންގެ ގައުމީ ކޯޓުން އެއްބަސްވިއިރު، މެކެފީ ބުނަމުން ދިޔައީ އޭނާއާ ދެކޮޅަށް ރޭވުމެއް ރާވާފައި ވާ ކަމަށެވެ. ނަމަވެސް ސްޕެއިންގެ ކޯޓުން ވަނީ އެފަދަ ހެއްކެއް ނެތް ކަމަށް ބުނެފައެވެ.