މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ތުހުމަތު އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫކޭގައި ދިރި އުޅުއްވަނީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ވާ ޑެޕިއުޓީ ހައިކޮމިޝަނަރު ގޭގައި ކަމަށް ބުނާ ވާހަކަ ޔޫކޭގައި ހުންނަވާ ހައިކޮމިޝަނަރު ޑރ. ފަރަހަނާޒު ފައިސަލް (ފަރާ) ދޮގު ކުރައްވައިފިއެވެ.

ފަރާ މިހެން ވިދާޅުވީ، ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ 'ދިޔަރެސް' ނޫހުގައި ޖަހާފައިވާ ހަބަރަކާ ގުޅިގެންނެވެ. ފަރާ ވިދާޅުވީ، "އެއީ 100 ޕަސެންޓް ބޮޑު ދޮގެއް" ކަމަށެވެ. އަދި އެ އަމަލަކީ އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަންގެ މުޅި ޓީމަށާއި ޑެޕިއުޓީ ހައިކޮމިޝަނަރަށް އާންމުންގެ ހިތުގައި ނަފްރަތު އުފެއްދުމަށާއި އަގުވައްޓާލަން ހިންގާފައި އަމަލެއް ކަމަށެވެ.

އެ ނޫހުގައި ޝައިއުކުރި ހަބަރުގައި ބުނެފައި ވަނީ ޑެޕިއުޓީ ހައިކޮމިޝަނަރު ނައުޝާދު ވަހީދުގެ ގޭގައި އަލީ ވަހީދު ދިރިއުޅުއްވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހަމައެއާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަރިކަލުން، ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލާ ޓު ދި އެމްބެސެޑަރު ޔަމީން ޝާހިދުގެ އެޕާޓްމަންޓްގައި ވެސް ހަފްތާ ބަންދުގެ ދުވަސްތައް ހޭދަ ކުރައްވަން އަލީ ވަހީދު ވަޑައިގަންނަވާ ކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ. މީގެ އިތުރުން އެ ނޫހުން ބުނެފައި ވަނީ އަލީ ވަހީދަށް ހަރަދު ކުރަމުން އަންނަނީ ދިވެހި ދައުލަތުން ކަމަށެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ވާ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގޭގައި އަލީ ވަހީދު ދިރިއުޅުއްވާ ކަން އެނގިފައި ނުވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާ އިރު، އެ މައްސަލަ ބަލާ ނުނިމެނީސް އަލީ ވަހީދު ވަނީ މިދިޔަ ފެބްރިއަރީ މަހުގެ 9 ވަނަ ދުވަހު ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންފައެވެ. އެންމެ ފަހުން އަލީ ވަހީދުގެ މައްސަލައިގައި އަޑުއެހުމެއް ބާއްވާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދު ބައިވެރިވެވަޑައިގެންފައި ވަނީ އޮންލައިންކޮށް ވީޑިިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އޭނާ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ހުންނަވައިގެންނެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން ޝަރީއަތް ބޭއްވުމާ ހަމައަށް ދިވެހި ސަރުކާރުން ބުނެފައި ވަނީ އޭނާ ޔުކޭގައި ދިރިއުޅުއްވާ އެޑްރެސް ނޭނގޭ ކަމަށެވެ.