މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ އަޅަން ބަޔަކާ ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް ސަރުކާރުން ބުނި މުއްދަތު ފަހަނަ އަޅައިފިއެވެ.

މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، ބްރިޖްގެ ޓެންޑާ ވަނީ މިހާރު ބަންދުކޮށްފައި ކަަމަށާއި އަދި އިވެލުއޭޝަންގެ މަސައްކަތް މިހާރު ކުރިއަށް ދާ އިރު އެ މަސައްކަތް އޮތީ ނިމުމަކާ ހިސާބުގައި ކަމަށެވެ. ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމި ބްރިޖް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސް އެ ދުވަހު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމި ބްރިޖް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރެވޭނެ

ރައީސް މިހެން ވިދާޅުވިތާ، މިއަދާ ހަމައަށް 16 ދުވަސް ވެފައިވާ އިރު، މި ކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން މައުލޫމާތު ސާފު ކުރުމަށް 'ދަ ޕްރެސް' އިން ސުވާލު ކުރުމުން އެ ފަރާތުން ޖަވާބު ދީފައެއް ނުވެއެވެ. ބްރިޖު އަޅަން ހަވާލު ކުރުމުގެ މަސައްކަތް ލަސްވާ ސަބަބު ވެސް އެ މިނިސްޓްރީން ހާމާ ކޮށްފައެއް ނުވެއެވެ.

މިއީ މި ސަރުކާރުން ހިންގަން ރާވާ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މައްސަކަތް ކުރުމަށް މި އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާނެ ކަމަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ 2021 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ދެއްވި ބަޔާނުގައި ވިދާޅުވެފައެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ފުރިހަމަ ވެއްޖެ ނަމަ ވާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ދަށުން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ބްރިޖްގެ މަޝްރޫއަށް ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާ އިރު މިދިޔަ އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އިންޑިއާ ކުންފުނިތަކުން މަސައްކަތް ކުރާނެ މާލެއާއި ތިލަފުށި ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލް ތަކުގައި ވާ ގޮތުގައި ބުރިޖް މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ހަރަދުވާނެއެވެ.