މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓާ ބެލެހެއްޓުމަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

މި ކުއްލި މައްސަލައިގައި ވަނީ ކޮވިޑާ ގުޅިގެން ބައެއް މިސްކިތްތައް ބަންދުކޮށްފައި ވަނިކޮށް ބައެއް ފަރާތްތަކުން މިސްކިތުގެ ގަދަރާ ހުރުމަތް ކެނޑޭފަދަ ވިޔާނުދާ ދީނާ ހިލާފު އަމަލުތައް ހިންގަމުން ދާކަމަށެވެ. އަދި މިސްކިތުގައި މަސްތުވާތަކެތި ވިއްކުމާ އެތަކެތި ބޭނުން ކުރުމުގެ އިތުރުން އެފަދަ ފަރާތްތަކުން މިސްކިތުގައި ނިދުމާއި ފެންވެރުމާއި ކައިބޮއެ ހެދުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

މިފަދަ ކަންކަމަކީ އިސްލާމީ މުޖުތަމައުއެއްގައި އެއްވެސް ގޮތަކަށް ހިނގިޔަދީގެން ނުވާނެ ކަންކަމަށް ވާތީއާ އެފަދަ ކަންކަމަކީ އިސްލާމީ ރިވެތި އުސޫލު ނެތިކޮށްލާފަދަ ކަމެއްކަމަށްވެސް ކުއްލި މައްސަލައިގައި ޝަރީފް ފާހަގަ ކުރައްވާފައި ވެއެވެ. އަދި މިސްކިތްތަކަކީ ބިންމަތީގައި ހުރުމަތްތެރިވެގެން ވާ ގަދަރު އުފުލިގެންވާ ﷲ ގެ ގެފުޅުމަކުގައި ވީ ހިނދު މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓާ އެތަނުގެ ރައްކާތެރިކަން އިތުރުކޮށް މިހާރަށްވުރެ ހަރުދަނާކޮށް މިސްކިތްތައް ބެލެހެއްޓުމަށް ވެސް ޝަރީފް ވަނީ ގޮވާލާފައެވެ.

މާލޭގައި މިހާރުވެސް ގާތްގަނޑަކަށް 7 މިސްކިތެއް މަސްތުވާތަކެތީގެ މުއާމަލާތް ކުރާކަމަށް ހަބަރުތައް ފެތުރިފަ އެބަހުރި. މިބާވަތުގެ ނުރައްކާތެރި އުންމީދުވެސް ނުކުރާކަހަލަ ކަންތައްތަކެއް މިސްކިތްތަކުގަ ހިނގަމުންދާއިރު އެތަންތަނުގެ ސަލާމަތާ ރައްކާތެރިކަން އެތަންތަން ހިމާޔަތް ކުރުމަށްޓަކައި އަދި އެތަންތަނުގައި އެބާވަތުގެ އަމަލުތައް ނުހިންގޭނެ ގޮތަކަށް ކަންތައްތައް ކުރުމަކީ ވަރަށް މުހިންމު ކަމެއް
އާދަމް ޝަރީފް އުމަރު

އިއްޔެ ހުޅުމާލޭ ވަގުތީ މިސްކިތްތެރޭގައި ހިޔާލަށްވެސް ނުގެނެވޭފަދަ އަމަލެއް ހިންގާފައި ވާކަން ފާހަގަކުރަމުން ޝަރީފް ވިދާޅުވެފައި ވަނީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީކުރައްވާ މަނާކުރައްވާފައި ވާ ބަސްމަގު ބޭނުންކޮށް މިސްކިތްތެރޭ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އަދި މިސްކިތްތެރޭ މާރާމާރީ ހިންގާފައިވާ ކަމަށާ މިއީ ރާއްޖޭގެ ސަގާފަތާ އާދަކާދައިގެ ތެރޭގައި އެއްގޮތަކަށްވެސް ނުހިމެނޭ ކަމެއްކަމަށް ޝަރީފް ވަނީ ހާފަގަކުރައްވާފައެވެ.